ފިލިޕީންސްއާއި ބްރެޒިލްގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ގިނަބަޔަކު މަރުވެ، މުދަލަށާއި، ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ފިލިޕީންސްގެ ރައީސް ބެނީނޯ ސިމިއޯން އަކީނޯ 3 ވަނަ އަށާއި، ބްރެޒިލްގެ ރައީސާ ޑިލްމާ ރޫސެފަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީ ފޮނުއްވައިފިއެވެ.

އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އެ ދެ ބޭފުޅުންނަށާއި، އެ ދެ ޤައުމުގެ ސަރުކާރަށާއި، ރައްޔިތުންނަށާއި، މި ޙާދިޘާގައި ގެއްލުން ލިބުނު މީހުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.