ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޔޫ.އޭ.އީ.އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކަރަންކާގޭ އަޙްމަދު ރަޝީދު ޢައްޔަން ކުރައްވައި، އެމަނިކުފާނަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. ފަތްކޮޅު ދެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އަޙްމަދު ރަޝީދު، ޔޫ.އޭ.އީ.އަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.

އަޙްމަދު ރަޝީދު މިހާތަނަށް ހުންނެވީ، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ.