ދުނިޔޭގެ ފެންވަރުގައި ރާވައިގެން ހިންގާ ޖިނާއީ ކުށްތައް ނުވަތަ "ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމް" ހުއްޓުވުމުގެ މަޤްޞަދުގައި، އ.ދ. އިން އެކުލަވައިލާފައިވާ މުޢާހަދާ ކަމަށްވާ "ކޮންވެންޝަން އަގޭންސްޓް ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމް" ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މި މުޢާހަދާގައި ރާއްޖެއިން ބައިވެރިވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ޓްރާންސްނެޝަނަލް ކްރައިމްގެ ގޮތުގައި މުޢާހަދާއިން ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި، ޓެރަރިޒަމް، ޣައިރު ޤާނޫނީ މައިގްރޭޝަން، މަކަރާއި ޙީލަތް، ކިޑްނެޕިންގ، މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތައް، މަނީ ލޯންޑްރިންގ، ކޮރަޕްޝަން އަދި ހިއުމަން ޓްރެފިކިންގ ހިމެނެއެވެ.

މި މުޢާހަދާގައިވާ ގޮތުން، މިދެންނެވި ކުށްތަކުންކުރެ ކުށެއް، ދިވެހި ރައްޔިތަކު ކޮށްފިނަމަ، ނުވަތަ ބޭރު ފަރާތަކުން ރާއްޖޭގެ ސަރަޙައްދުގައި ހިންގައިފިނަމަ، ރާއްޖޭގެ ކަމާބެހޭ ކޯޓެއްގައި، އެ ކުށެއްގެ ދަޢުވާކުރެވޭ ގޮތަށް ހަމަޖެހިފައި އޮންނަން ޖެހޭނެއެވެ. މިގޮތުން، މުޢާހަދާގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅޭ މައްސަލަތަކުގައި، ކޯޓުގެ ޝަރުޢީ ބާރު ރާއްޖެއަށް ހިންގޭނެއެވެ.
މި މުޢާހަދާއަށް އ.ދ. އިން ޢަމަލުކުރަން ފަށާފައިވަނީ، 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.