މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން ފާސްކުރެއްވި [ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ބިލް] އާއި، މި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 31 ވަނަ ޖަލްސާއިން ފާސްކުރެއްވި [މަސްތުވާތަކެއްޗާބެހޭ ބިލް] ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި 2 ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނަކީ، ދިވެހި ދައުލަތުގެ ރަސްމީ ރިކޯޑުތަކުގެ ތެރެއިން އަރުޝީފީ އަގު ހުރިކަމުގައި، ޤައުމީ އަރުޝީފު އޮފީހުން ކަނޑައަޅާ ރިކޯޑުތަކެވެ. މި ޤާނޫނުގައިވާ ގޮތުން، ދިވެހި ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތު މި ޤާނޫނުގައިވާ ގޮތުގެމަތިން ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެ ތަކެތި ބެލެހެއްޓުން ޙަވާލުވެފައިވާ ކޮންމެ މީހެއްގެ ވާޖިބެކެވެ. އަދި ދިވެހި ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތު ބަލަހައްޓަންވާނީ މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަމަށާއި، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ ދިވެހި ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތު ނައްތާލައިގެންނުވާނެ ކަމަށްވެސް މި ޤާނޫނުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، "ޤައުމީ އަރުޝީފު" ގެ ނަމުގައި ދައުލަތުގެ މުއައްސަސާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެކަމަށް މި ޤާނޫނުގައި ބުނެފައިވެއެވެ. ޤައުމީ އަރުޝީފަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްޞެކެވެ.

ދިވެހިރާއްޖޭގެ ތާރީޚީ އަދި ޤަދީމީ ލިޔެކިޔުންތަކުގެ ތެރެއިން މި ޤާނޫނު ފާސްވާއިރު ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެންމެހައި ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތު، ޤައުމީ އަރުޝީފުން ރައްކާތެރިކޮށް ބަލަހައްޓަންވާނެ ކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެއްވި މަސްތުވާތަކެއްޗާބެހޭ ޤާނޫނަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ޕެޑްލްކުރުމާއި، ޓްރެފިކްކުރުން ހުއްޓުވުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން މަސްތުވާތަކެއްޗަށް ބޭނުންވާ މިންވަރު މަދުކުރުމަށްޓަކައި ނުވަތަ ނައްތާލުމަށްޓަކައި އެމީހުން ފަރުވާގެ ޚާއްޞަ ޕްރޮގްރާމްތަކެއްގެ ދަށުން ފަރުވާ ލިބިގަތުމަށް ބާރުއަޅައި، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމަޢުގައި އެމީހުން ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި، މަސްތުވާތަކެއްޗާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ ބޭނުމަކީ، މިދަންނަވާ މަޤްޞަދުތައް ޙާޞިލު ކުރުމެވެ.

(ހ) މަސްތުވާތަކެތި ބޭނުންކުރާ މީހުން، މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް މަދުކުރުމަށް މަސައްކަތްކުރުން؛

(ށ) މަސްތުވާތަކެއްޗަށް އަލަށް ދެވިހިފާ މީހުން، އެހިސާބުން ފެށިގެން ފާހަގަކޮށް، އެމީހުންނަށް އެކަމުން އަވަހަށް ދުރަށް ދެވޭނެ ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކޮށްދިނުން؛

(ނ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަކީ، މަސްތުވާތަކެތި ބޭނުންކުރަމުންދިޔުމުގެ ސަބަބުން ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން އޭގެ އަސަރަށް ލެނބި، އެއަށް ބަރޯސާކުރަންޖެހިފައިވާ ބައެއް ކަމުގައިވާތީ، އެމީހުންނަކީ ހަމައެކަނި ކުށްވެރިން ކަމުގައި ބެލުމުގެ ބަދަލުގައި، ފަރުވާވެސް ބޭނުންވާ މީހުން ކަމުގައި ޤަބޫލުކޮށްގެން، އެމީހުންނަށް ފަރުވާ ދިނުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން؛

(ރ) މަސްތުވާތަކެތި ޕެޑްލްކުރާ މީހުން މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި މަސްތުވާތަކެތިން މުޢާމަލާތުކުރާ ކުރުން ހުއްޓުވުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވުމުގެ ސަބަބުން އެމީހުން ކުށަށް އަރައިގަންނަ ނިސްބަތް މަދުކުރުން؛

(ބ) މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި އެކަން ކުރާ މީހުން ފާހަގަކޮށް، ޓްރެފިކްކުރުމުގެ ވިޔަފާރިއަށް ހުރަސްތައް ކުރިމަތިކުރުމަށްޓަކައި ޓްރެފިކްކުރާ މީހުން އެކަން ކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ހުރަސްއެޅުމާއި، އެމީހުންނަށް ސީދާ އަމާޒުވާގޮތަށް އެކިއެކި ފިޔަވަޅުތައް އެޅުން؛

(ޅ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ކުރާ ކުށުގެ މައްސަލަތައް ބަލައި، މަސްތުވާތަކެއްޗަށް އެމީހުން ބޭނުންވާ މިންވަރު މަދުކުރުމަށްޓަކައި ނުވަތަ ނައްތާލުމަށްޓަކައި އެމީހުން ފަރުވާގެ ޚާއްޞަ ޕްރޮގްރާމްތަކެއްގައި ބައިވެރިކުރުވައި، ފަރުވާ ލިބިގަތުން ލާޒިމުކޮށް، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެމީހުން މުޖުތަމަޢުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާކުރުމަށްޓަކައި ޚާއްޞަ ކޯޓެއް ޤާއިމުކުރުން؛

(ކ) ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުކޮށް، މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް ޚާއްޞަ ބާރުތަކެއް ދިނުން؛

(އ) މަސްތުވާތަކެއްޗާގުޅޭ ކުށާއި އަދަބު ކަނޑައެޅުން.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ. އަދި މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި "ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކައުންސިލެއް އުފައްދަންވާނެކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމާއި، މަސްތުވާތަކެތީގެ ބޭނުންކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާގުޅޭ ސިޔާސަތުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ފަރާތެވެ.