މިފަހަރު ފާސްކުރެވިފައިމިވާ ބަޖެޓަކީ، އެކަށީގެންވާ މަސައްކަތްތަކެއް ސަރުކާރަށް ކުރެއްވެން އޮތް ބަޖެޓެއް ކަމަށާއި، ސަރުކާރުން ހިންގަވާ މަސައްކަތްތައް، މިބަޖެޓްގެ ސަބަބުން އިރާދަކުރެއްވިއްޔާ ބާރަށް ހިންގެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ރޭޑިޔޯ ޚިޠާބުގައި، 2012 ވަނަ އަހަރުގެ ބަޖެޓްގެ މައްޗަށް ބައްލަވާލައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޖަނަވަރީ 1 ވަނަ ދުވަހުއްސުރެ ފެށިގެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެލްތް އިންޝުއަރެންސްގެ ޚިދްމަތް ދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ޚިދްމަތްދޭއިރުގައި، ކްލިނިކްތަކުންވެސް ހެލްތް އިންޝުއަރެންސްގެ ކަވަރޭޖް ދެވޭނެ އުޞޫލުތަކެއް ހޯދުމަށް މިހާރު ވާހަކަ ދެކެވެމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ހެލްތް އިންޝުއަރެންސްގެ މަސައްކަތުގެ އިތުރުންވެސް، އިޖްތިމާޢީ ރައްކާތެރިކަމުގެ އެހެން ހުރިހާ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ، މިބަޖެޓުން ވަރަށްފަހިކަމާއެކު ހިނގަމުންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފެނާއި، ނަރުދަމައާއި، ބަނދަރާއި، އެހެންވެސް ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް، މިބަޖެޓްގައި ވަރަށް ފުރިހަމައަށް ހިމެނިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ރައްޔިތުންގެ އާމްދަނީވެސް މިބަޖެޓުން ކިތަންމެ ތަނަކުން މައްޗަށްދާނެ ކަމަށް ސަރުކާރަށް ލަފާކުރެއްވޭ ކަމަށާއި، އެހެންކަމުން، ރައްޔިތުންނަށްވެސް އުފާވެރި އަހަރަކަށް، އެ އަހަރު ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެންމެބޮޑު އުފަލަކީ، 2012 ވަނަ އަހަރު ޑިއްޓީ ފްރީ އަހަރަކަށް، ހެލްތް އިންޝުއަރެންސް ލިބޭ އަހަރަކަށް ވެގެންދިޔުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ޙަޤީޤަތަކަށްވެ، ރައްޔިތުންނަށް، އެ ހައުސިންގ ޔުނިޓްތަކަށް 2012 ވަނަ އަހަރު ވަދެވޭނެކަންވެސް އެއީ، އެ ސިޔާސަތު ޙަޤީޤަތަކަށް ވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ނިމިގެންމިދާ 2011 ވަނަ އަހަރަކީ، ވަރަށްފަހި އަހަރެއް ކަމަށާއި، ޤައުމީ އުފެއްދުންތެރިކަން ކުރިއަރަމުން އައި މިންވަރު، މިއަހަރު ވަރަށްބޮޑުތަނުން މައްޗަށް ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދެވީ، 10 ޕަސެންޓަށްވުރެ ތިރިކޮށް އޮތް ޑެފިސިޓެއް ހޯއްދެވުމަށްޓަކައި ކަމަށާއި، އިރާދަކުރެއްވީތީ، އެކަން މިވަނީ ކާމިޔާބު ކުރެއްވިފައި ކަމުގައި ވިދާޅުވިއެވެ. އަދި ދަރަނީގެ ކަންކަމާއި، އެހެނިހެން އިޤްތިޞާދީ ކަންކަންވެސް، މިއަހަރު ވަރަށް ރަނގަޅަށް ބެލެހެއްޓިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައިވެސް މާލީ އަދި އިޤްތިޞާދީ ކަންކަން މިހާރުވެސް ސަރުކާރުން ބައްލަވަމުން މިގެންދަވާ ފުރިހަމަ މިނުގައި ބައްލަވައި، ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަން، އެ ރައްޔިތުންނަށް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.