بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 30 ޑިސެމްބަރ 2011ވީ ހުކުރު ދުވަސް. މިއީ އެނގިވަޑައިގަންނަވާނެ، މިއަހަރުގައި، މި މީލާދީ އަހަރުގައި، އަޅުގަނޑަށް ތިޔަބޭފުޅުންނާ ބައްދަލުވާނެ އެންމެފަހު ދުވަސް. އެހެންވީމާ، އަޅުގަނޑު މީލާދީ އާ އަހަރުގެ ހެޔޮދުޢާ ތަހުނިޔާތައް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އަރިސްކުރަން.

އިއްޔެގައި ދައުލަތުގެ ބަޖެޓްގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުން ވަރަށް ފުރިހަމައަށް ނިމިގެން ހިނގައްޖެ. އަޅުގަނޑަށްވެސް އެނގޭ، ނިމުނުއިރުގައި ބައެއް ހޫނުކަން، އެ ނިންމި އެންމެފަހުގެ ޖަލްސާގައި ހުރި. އެހެން ނަމަވެސް، މަޖިލީހުގެ ރައީސް ވަރަށް ޞަރީޙަ ޢިބާރާތުން، ބަލާޣާތްތެރިކޮށް ވިދާޅުވިފަދައިން، ރާއްޖެ ޑިމޮކްރަސީއަކަށް ފުރޮޅިގެން އަންނައިރު، އަޅުގަނޑުމެންނަށް އެކިބާވަތް ބާވަތުގެ މައްސަލަ ކުރިމަތިވާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެމައްސަލަތައް ހުރަސްކޮށް، އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ކުރަމުން މިގެންދާ އެންމެ މަސައްކަތް އިރާދަކުރެއްވިއްޔާ، ފަހިކަމާއެކީގައި ކުރިއަށްދާނެ.

ބަޖެޓާ ގުޅޭގޮތުން އަޅުގަނޑު ދަންނަވާލަން ހުރި ބައެއް ވާހަކަ އެބަހުރި. އަޅުގަނޑުމެންނަށް ފެންނަނީ، 2011 ވަނަ އަހަރަކީ، ވަރަށްފަހި އަހަރެއްގެ ގޮތުގައި. ފުރަތަމަ ކަމަކަށް، ޤައުމީ އުފެއްދުންތެރިކަން ކުރިއަރަމުން އައި މިންވަރު، ވަރަށްބޮޑުތަނުން މައްޗަށް ހިނގައްޖެ. ޤައުމީ އުފެއްދުންތެރިކަން މިހާރު މިވަނީ 8 ޕަސެންޓްގެ މިންވަރުގައި. އޭގެއިތުރުން، އަޅުގަނޑުމެން ބަލާއިރުގައި، 2011 ވަނަ އަހަރު ފުރަތަމަ ހުށަހެޅި ބަޖެޓްގައި، ދައުލަތުގެ އާމްދަނީގެ ގޮތުގައި ލަފާކޮށްފައިވަނީ، 8.9 ބިލިއަން ރުފިޔާ. އެހެން ނަމަވެސް، 2011 ވަނަ އަހަރު ނިމޭއިރު، 9.4 ބިލިއަން ރުފިޔާ، ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭކަމީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް، ވަރަށްބޮޑު ހިތްވަރެއް. ދައުލަތުގެ ޚަރަދުގެ ގޮތުގައި އަންދާޒާ ކުރެވިފައި އޮތީ، 12.37 ބިލިއަން ރުފިޔާ. އެހެން ނަމަވެސް، އަހަރު ނިމޭއިރުގައި، ދައުލަތުގެ ޚަރަދުގެ ގޮތުގައި ހިނގާފައި މިވަނީ، ގާތްގަނޑަކަށް 11.54 ބިލިއަން ރުފިޔާ. ނަތީޖާއެއްގެ ގޮތުން، އަންދާޒާ ކުރެވުނު ޑެފިސިޓް، އެއީ 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ކަމަށް. އެ ޑެފިސިޓްގެ ޖީ.ޑީ.ޕީ.ގެ ނިސްބަތަކީ ނުވަތަ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަކީ، 11.6 ޕަސެންޓް އަންދާޒާ ކުރެވުނުއިރު. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، އަހަރު ނިމުނުއިރުގައި، ޑެފިސިޓްގެ މިންވަރަކީ 2 ބިލިއަން ރުފިޔާ. އެހެންވީމާ، އެއީ ޤައުމީ އުފެއްދުންތެރިކަމުގެ 7 ޕަސެންޓް.

އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔައީ، 10 ޕަސެންޓަށްވުރެ ތިރިކޮށްހުރި ޑެފިސިޓެއް ހޯދުމަށްޓަކައި. މާތްރަސްކަލާނގެ އަމުރާ އިރާދަފުޅުން އަޅުގަނޑުމެންނަށް މިވަނީ އެކަން ކާމިޔާބު ކުރެވިފައި.

މިފަހަރު ފާސްކުރެވިފައިމިވާ ބަޖެޓަކީ، އެކަށީގެންވާ މަސައްކަތްތަކެއް ސަރުކާރަށް ކުރެވެން އޮތް ބަޖެޓެއް. 14.5 ބިލިއަން ރުފިޔާގެ ބަޖެޓެއް. މި ބަޖެޓުން އަޅުގަނޑުމެން ހިންގާ މަސައްކަތްތައް، ސަރުކާރުން ހިންގާ މަސައްކަތްތައް ބާރަށް އިރާދަކުރެއްވިއްޔާ ހިންގޭނެ. ފުރަތަމަ ކަމެއްގެ ގޮތުގައި، ޖަނަވަރީ 1 ވަނަ ދުވަހުއްސުރެ ފެށިގެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެލްތް އިންޝުއަރެންސްގެ ޚިދްމަތް ދެވޭނެ. އަދި އެ ޚިދްމަތްދޭއިރުގައި، މިހާރު ވާހަކަ ދެކެވެމުން މިދަނީ، ކްލިނިކްތަކުންވެސް ހެލްތް އިންޝުއަރެންސްގެ ކަވަރޭޖް ދެވޭނެ އުޞޫލުތަކެއް ހޯދުމަށް. ހެލްތް އިންޝުއަރެންސްގެ މަސައްކަތުގެ އިތުރުންވެސް، އިޖްތިމާޢީ ރައްކާތެރިކަމުގެ އެހެން ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ، މި ބަޖެޓުން ވަރަށްފަހިކަމާއެކު ހިނގަމުންދާނެ. އަދި ފެނާއި، ނަރުދަމައާއި، ބަނދަރާއި އެހެންވެސް ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް، މި ބަޖެޓްގައި ވަރަށް ފުރިހަމައަށް މިވަނީ ހިމެނިފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ވަރަށް ފާގަތި 2012 ވަނަ އަހަރެއް ރައްޔިތުންނަށް ގެނެސްދެވޭނެ.

ރައްޔިތުންގެ އާމްދަނީވެސް، މި ބަޖެޓުން ކިތަންމެ ތަނަކުން މައްޗަށްދާނެ ކަމަށް އަޅުގަނޑުމެން އަންދާޒާ ކުރަން. ސަރުކާރަށް ލަފާކުރެވޭ. އެހެންވީމާ، ރައްޔިތުންނަށްވެސް އުފާވެރި 2012 ވަނަ އަހަރެއް ދިމާވާނެކަމީ، އަޅުގަނޑުގެ ހިތުގައި ޝައްކެއް ހިނގާ ކަމެއް ނޫން. އެންމެބޮޑު އުފަލަކީ، 2012 ވަނަ އަހަރު ވެގެންދާނީ، ޑިއުޓީ ފްރީ އަހަރަކަށް. ހެލްތް އިންޝުއަރެންސް ލިބޭ އަހަރަކަށް. އަދި އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ޙަޤީޤަތަކަށްވެގެން ތިޔަބޭފުޅުންނަށް، ރައްޔިތުންނަށް، އެ ހައުސިންގ ޔުނިޓްތަކަށް ވަދެގެންދާ އަހަރަކަށްވެސް ވެގެންދާނީ 2012 ވަނަ އަހަރު.

2011 ވަނަ އަހަރު ސަރުކާރަށް ޙާޞިލް ކުރެވިފައިވާ ކާމިޔާބުތަކުގެ ތެރޭގައި، އަޅުގަނޑު އެންމެ ބޮޑަށް ފާހަގަކުރަން ބޭނުންވަނީ، 2011 ވަނަ އަހަރަށް ލަފާކޮށްފައި އެބައޮތް، 1.6 ބިލިއަން ރުފިޔާގެ ދަރަނި، ޓްރެޜަރީ ބިލްގެ ގޮތުގައި ރެއިޒް ކުރުމަށް ނުވަތަ ޓީ.ބިލް ވިއްކައިގެން، ސަރުކާރަށް އެ އާމްދަނީ ހޯދުމަށް. އެހެން ނަމަވެސް، އަހަރު ނިމޭއިރުގައި، މުޅި ޖުމްލަ 891 މިލިއަން ރުފިޔާވެސް ނާރާނެ ކަމަށް، މިހާރު ސަރުކާރަށް އަންދާޒާ ކުރެވޭ. އޭގެ މާނައަކީ، އަޅުގަނޑުމެންނަށް ދަރަނީގެ ކަންކަންވެސް އަދި އެހެނިހެން އިޤްތިޞާދީ ކަންކަންވެސް ވަރަށް ރަނގަޅަށް ބެލެހެއްޓިފައިވާކަން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައިވެސް މާލީ އަދި އިޤްތިޞާދީ ކަންކަން މިހާރުވެސް ސަރުކާރުން ބަލަމުން މިގެންދާ ފުރިހަމަ މިނުގައި ބަލައި، ރާއްޖޭގެ އެންމެ ރައްޔިތުންގެ ތަނަވަސްކަން، އެ ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.