މި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރެއްވި [ޕާޓްނަރޝިޕްގެ ބިލް] އާއި، [ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް] އާއި، މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން ފާސްކުރެއްވި [އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ބިލް] ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި 3 ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.
ޕާޓްނަރޝިޕްގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ޕާޓްނަރޝިޕް އުފެއްދުމާއި، ރަޖިސްޓްރީ ކުރުމާއި، ހިންގުމާއި، ކަމާގުޅޭ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. ޕާޓްނަރޝިޕަކީ، ވިޔަފާރި ކުރުމުގެ މަޤްޞަދުގައި، ނުވަތަ އާމްދަނީ ހޯދުމަށް ވިޔަފާރީގެ އުޞޫލުން މަސައްކަތެއް ކުރުމުގެ މަޤްޞަދުގައި، ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު އެކުވެގެން، ވަކި ނަމެއްގައި އުފައްދާ ވިޔަފާރި ޖަމާޢަތެކެވެ. މިޤާނޫނުގެ ދަށުން ޕާޓްނަރޝިޕް ބެހިގެންވަނީ ދެބާވަތަކަށެވެ. އެއީ ޖެނެރަލް ޕާޓްނަރޝިޕާއި، ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރޝިޕެވެ.
އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ އަސާސީ ޞިއްޙީ ޚިދްމަތް، ލުއިފަސޭހަ ގޮތެއްގައި ލިއްބައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން، ޤައުމީ ފެންވަރުގައި ޞިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ނިޒާމެއް އެކަށައަޅައި، އެ ނިޒާމް އިންތިޒާމް ކުރެވިފައިވާ ގޮތުގެ ތަފްޞީލާއި، އެ ނިޒާމް ހަރުދަނާ ގޮތެއްގައި ހިނގާނެގޮތް ބެލެހެއްޓުމުގެ އުޞޫލުތައް ބަޔާންކުރާ ޤާނޫނެވެ.
މި ގާނޫނަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ. އަދި މިޤާނޫނުގެ ދަށުން އެކަށައަޅައި ހިންގަންޖެހޭ ސްކީމް، މި ޤާނޫނުގައިވާ ގޮތުގެ މަތިން ހިންގަން ފަށާނީ، 1 ޖަނަވަރީ 2012 އިން ފެށިގެންނެވެ.