ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މަސްތުވާތަކެތީގެ ބިލް، ރައްޔިތުންގެ މަޖިލީހުގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން އިއްޔެ ފާސްވުމާ ގުޅިގެން، މަޖިލީހުގެ މެންބަރުންނަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޝުކުރު އަދާކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނައިބު ރައީސް ޝުކުރު އަދާކުރައްވާފައިވަނީ، އެމަނިކުފާނު މިއަދު ނެރުއްވި ބަޔާނެއްގައެވެ. މިބަޔާނުގައި، މަސްތުވާތަކެތީގެ ބިލް ފަރުމާ ކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޛު މުޙަންމަދު ނަޝީދަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ބިލް ފަރުމާކުރައްވައި، މަޖިލީހަށް ހުށަހެޅުއްވުމުގައި މަސައްކަތް ކޮށްދެއްވި ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށާއި، މި ދާއިރާގައި މަސައްކަތް ކުރައްވާ މަދަނީ ޖަމްޢިއްޔާތަކަށާއި، މި މަސައްކަތަށް އެހީތެރިވެދެއްވާ އ.ދ.ގެ ޖަމްޢިއްޔާތަކަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.
ނައިބު ރައީސްގެ ބަޔާނުގައި، މަސްތުވާތަކެތީގެ މައްސަލައަކީ، ޤައުމަށް ދިމާވެފައި އޮތް އެންމެބޮޑު އިޖްތިމާޢީ މައްސަލަކަން ފާހަގަކުރައްވަމުން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަށް، މި ސަރުކާރުން ވަޢުދުވެވަޑައިގެން ކުރައްވަން ފެށްޓެވި އެންމެބޮޑު މަސައްކަތަކީ، މަސްތުވާތަކެތީގެ ޤާނޫނު އިޞްލާޙު ކުރައްވައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ހަރުކަށި އަދަބުދީ، މަސްތުވާތަކެއްޗަށް ދެވިހިފާ ޒުވާނުންނަށް ފަރުވާގެ ފުރްޞަތު ހުޅުވިގެންދާނެ ނިޒާމެއް، މިޤާނޫނުން ޤާއިމް ކުރެއްވުން ކަމުގައި ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ އުންމީދަކީ، މި ބިލްގެ ސަބަބުން މަސްތުވާތަކެއްޗަށް ދެވިހިފާ ޒުވާނުންނަށް ފަރުވާ ފުރްޞަތު ފުޅާވެގެންދިޔުން ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ހަރުކަށި އަދަބުދެވި، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުވެގެންދިޔުން ކަމުގައިވެސް ނައިބު ރައީސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.