بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އާދެ! މިރޭ މި ޓްރޭނިންގ ކޯސް ނިމި ތިޔަ ހުރިހާ ކުދިން މަސައްކަތައިގެން ނިކުތުމުގެ ކަންތައް މިހާރު އަޅުގަނޑުމެން މިފާހަގަކުރަނީ. އަޅުގަނޑުވެސް ވަރަށް އުފާކުރަން، މިހުރިހާ ކުދިންނަށް އެކަށީގެންވާ ރަނގަޅު ޓްރޭނިންގއެއް މި ސަރވޭއާ ބެހޭގޮތުން ލިބުނުކަމަށްޓަކައި. ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން ދިވެހިރާއްޖޭގައި މިހާތަނަށް ޤައުމީ ފެންވަރެއްގައި މިބާވަތުގެ ސަރވޭއެއް މަސްތުވާތަކެއްޗާ ބެހޭގޮތަކުންނެއް އަދި ނުކުރެވޭ. އެހެންވީމާ، މިއީ ވަރަށް ތާރީޚީ މަސައްކަތެއް މިކުރެވެނީ.

ވަރަށްގިނަ ދުވަސް ވަންދެން އަޅުގަނޑުމެން އިންތިޒާރު ކުރަމުން އައި ކަމެއް މިކަމަކީ. އޭގެ ކިތަންމެ ސަބަބުތަކެއް އެބަހުރި. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން މިހާރު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އެބަގެންދަން. އެހެންނަމަވެސް، މިމަސައްކަތް ކާމިޔާބު ކުރެވެން އަންނަނީ މިކަމާބެހޭގޮތުން އިތުރު މަޢްލޫމާތުވެސް އަޅުގަނޑުމެންނަށް ލިބިގެން.

ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އިވިވަޑައިގަންނަވާނެ، މިރާއްޖޭގައި ވިޔާނުދާ ކަމެއް ކޮށްފިއްޔާ އެކަމެއްގެ އިހުމާލު އަބަދުވެސް މިއަޅުވަނީ މަސްތުވާތަކެތި ބޭނުންކުރާ ކުދިންގެ ބޮލުގައި. ކުއްޖެއް ގަޔަށް ހަމަލާއެއް ދިނަސް، ވަޅިހެރިޔަސް، ތަނަކުން ވައްކަން ކުރިޔަސް، މިއިން ކޮންމެ ކަމެއްވެސް މިގުޅުވަނީ މަސްތުވާތަކެތި ބޭނުންކުރާ ކުދިންނާ. މިއީ، ޢާންމުކޮށް މަސްތުވާތަކެތި ބޭނުންކުރާ ކުދިންނާ ދޭތެރޭގައި ބައެއް މީހުން ފަތުރަމުން ގެންދާ ވިސްނުމަކީ، ދެކޭ މަންޒަރެއް. ޙަޤީޤަތް ކޮންމެ ގޮތަކަށް އޮތް ކަމުގައިވީނަމަވެސް. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި މި ސަރވޭ ކުރުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، މަސްތުވާތަކެތި ބޭނުންކުރާ ކުދިންނާ ބެހޭގޮތުން މީހުން ހީކުރާ ކުށްހީތަކުން ސަލާމަތްވުން. އަދި ހަމައެހެން މަސްތުވާތަކެތިން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން މި ރާވާ ޕްރޮގްރާމްތައް ކާމިޔާބު ކުރުމަށްޓަކައި ރަނގަޅަށް އެޕްރޮގްރާމްތައް ރޭވޭނީ އެއާބެހޭ މަޢްލޫމާތު ހުރެގެން.

އަޅުގަނޑުމެން މިޕްރޮގްރާމްތަކާ ހަވާލުވީއިރުގައި އަޅުގަނޑުމެންނަށް އިވެނީ ބުނާއަޑު މިތައް ހާސްކުދިން ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރެޔޭ. ބައެއްފަހަރު ބުނޭ، ތިރީސްހާސް ކުދިން މަސްތުވާތަކެތި ބޭނުންކުރެޔޭ. އަނެއްބައި މީހުން ބުނާނެ، ތިންހާސް ކުދިން ބޭނުންކުރެޔޭ. މީގެ ޙަޤީޤަތް އަޅުގަނޑަކަށް ހިޔެއްނުވޭ އެއްވެސް މީހަކަށް އެނގޭހެނެއް. އެހެންވީމާ، އަޅުގަނޑުމެން މިއަދު އެބަޖެހޭ މިކަމުގެ ޙަޤީޤަތް ދެނެގަންނަން. އަޅުގަނޑުމެންނަށް އެނގޭ އެއްޗެއް އެބައޮވޭ. އެނގޭ އެއްޗަކީ، މަސްތުވާތަކެތީގެ ބޭނުންކުރާ ކުދިން، އޭގެ ދެވި ހިފައިފައިވާ ކުދިންނަށް ދޭންޖެހޭ ޚިދްމަތްތައް ދިނުމުގައި އަޅުގަނޑުމެންނަށް އަދިވެސް މިއުޅެނީ ފައިއެއްވަރުކޮށްނުލެވިގެން. އެކަމުގެ ޑިމާންޑާ އެއްވަރަށް ޚިދްމަތުގެ ސަޕްލައި ނުދެވޭ. ޑިޓޮކްސް ދޭ ތަނެއް ހެދިޔަސް އެތަން ފުރެނީ. އެހެންކަހަލަ ޚިދްމަތެއް ދޭ ތަނެއް ހެދިޔަސް އެތަންވެސް ފުރެނީ. އެހެންވީމާ، ޙަޤީޤަތުގައި މިހާރުއްސުރެ އަޅުގަނޑުމެން ދެނެގަނެގެން މިއުޅޭ ކަމަކީ، މިކަމަކީ މިއީ ސީރިއަސް މައްސަލައެއް ކަމުގައި. އަދި މިކަމުގެ ސީރިއަސްކަން އޮތް ވަރަކީ، އެކަމަށް ދޭންޖެހޭ ފަރުވާ ދިނުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން. އަޅުގަނޑުމެންނަށް އެ ދޭންޖެހޭ ފަރުވާ އެކަށީގެންވާ ވަރަށް ނުދެވޭކަން. އެކަން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވިގެންދަނީ.

އެނގިވަޑައިގަންނަވާނެ ފަދައިން މިވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ދެއަހަރާ ގާތްގަނޑަކަށް ތިން އަހަރު ދުވަހާ ގާތް މިވަނީ. މި ދުވަސްތަކުގެ ތެރޭގައި އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފީމު، މަސްތުވާތަކެތި މަދުކުރެވޭތޯ ރާއްޖެއިން. މަދުކުރެވޭތޯ ކުރެވޭ މަސައްކަތުގައި ޤާނޫނު ތަންފީޒުކުރާ ހުރިހާ ފަރާތްތަކަކާ ގުޅިގެން އެ ހުރިހާ ފަރާތްތަކެއް އެކީގައި މަސައްކަތް ކޮށްގެން އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަދި ފުލުހުންގެ އެކިއެކި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބައެއް ބާވަތުގެ މަސްތުވާތަކެތި ދަނީ ރާއްޖެއިން މަދުވަމުން. ޚާއްޞަކޮށް ހެރޮއިންގެ ބާވަތްތައް ދަނީ މަދުވަމުން. ނަމަވެސް އެހެން ބައެއް ބާވަތްތައް އިތުރުވަމުންދާ ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ. އެހެންވީމާ، ޙަޤީޤަތުގައި މިކަމުގެ ޙައްލެއް އަދި އަޅުގަނޑުމެންނަކަށް ނުހޯދޭ. ދެން އެތެރެވަމުންދާ އެއްޗެއް އެތެރެވަމުންދާ ވަރަކުން ހަމަ އެ ބޭނުންކުރާ ކުދިންވެސް އެބަތިބި. އަޅުގަނޑުމެންނަށް ކުރިން ފެންނަމުން އައި ފަދަ ނުރައްކާތެރި މަންޒަރުތަކެއް ނުފެނުނު ނަމަވެސް، މަސްތުވާތަކެތި ބޭނުންކުރާ ކުދިންތައް އަދިވެސް ރާއްޖޭގައި ވަރަށްގިނަ. ކަނޑައެޅިގެން މިވެނި އަދަދެކޭ ދެންނެވޭނީ މިފަދަ ސަރވޭއެއް ކުރުމަށްފަހުގައި. އެހެންވެގެން މި ސަރވޭ މި ކުރަންޖެހެނީ. އަޅުގަނޑު އުންމީދު ކުރަން، ތިޔަ ހުރިހާ ކުދިންވެސް މި ސަރވޭގެ މަސައްކަތް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ވަރަށް މުރާލިކަމާއެކީގައި ކޮށްދެއްވާނެ ކަމަށް. ތިޔައިގެ ތެރޭގައި މިކަން ރަނގަޅަށް އިޙްސާސް ކުރެވޭ، މިކަމުގެ ބޮޑުކަން އިޙްސާސް ކުރެވޭ ކުދިން ތިތިއްބެވީ. މިއީ، ޤައުމީ ފެންވަރެއްގައި ކިހާ މުހިންމު ކަމެއްކަން ތިޔަ ހުރިހާ ކުދިންނަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، ވަރަށް މުރާލިކަމާއެކީގައި ވަރަށް ފަރުވާތެރިކަމާއެކީގައި މި ސަރވޭގެ މަސައްކަތް ކޮށްދެއްވުން އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން އެދެން.

މިހާތަނަށް އަޅުގަނޑުމެންނަށް ހީކުރެވިފައި ހުރި ކުށް ހީތަކާ ދޭތެރޭގައި އަދި އަޅުގަނޑު އެއްޗެއް ދަންނަވާލާނަން. ކުރިން ދެންނެވިހެން ކުރާ ކޮންމެ ގޯސްކަމަކީ އެއީ، މަސްތުވާތަކެތި ބޭނުންކުރާ ކުދިން ކުރާ ކަމެއް ކަމުގައި ވެފައި މިއޮންނަނީ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެބަ އެނގޭ، މަސްތުވާތަކެއްޗާ ގުޅިފައި ތިބި އެކި ދަރަޖަ ދަރަޖައިގެ މީހުން އެބަތިބިކަން. މީގައި މަސްތުވާތަކެތި އެތެރެ ކޮށްގެން ވިޔަފާރިކުރާ ބޮޑެތި ވިޔަފާރިވެރިންވެސް އުޅޭކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ، ކަނޑައެޅިގެން މިވެނި މީހެކޭ އަދި ނުދެންނެވުނަސް އެފަދަ މީހުން ނެތިއެއް މިކަހަލަ ވިޔަފާރިއެއް ނުހިނގާނެ. ދެން ހަމައެހެން އަޅުގަނޑުމެންނަށް އެބަ އެނގޭ، އަޅުގަނޑުމެންނަށް އެބަ ފެނޭ، މިތަކެތި ވިއްކުމަށްޓަކައި ބައިވަރު ޒުވާނުންތައް މީގެ ތެރޭގައި އެބަ ގެންގުޅޭކަން. އޭގެތެރޭގައި ވަރަށް ކުޑަކުދިންވެސް ބޭނުންކުރޭ. ހަމަ އިހަށްދުވަހު ސްކޫލުން ނިމިގެން ކުދިންވެސް އެބަ ބޭނުންކުރޭ. އަދި ސްކޫލްގައި އުޅޭ ކުދިންވެސް އެބަ ބޭނުންކުރޭ. އެއީ، އަޅުގަނޑުމެންނަށް އެނގޭ އެއްޗެއް. ދެން އަޅުގަނޑުމެންނަށް މި އެނގެނީ މި ބޭނުންކުރާ ކުދިންތައް ބައިވަރު އެބަ އޮތްކަން. އަދި ހުރިހާ ތަނެއްގައި މިބޭނުންކުރާކަން. ސްކޫލްތަކުގައިވެސް ބޭނުންކުރަނީ. މަގުމަތީގައިވެސް ބޭނުންކުރަނީ. އަދި ގޭތެރޭގައިވެސް ބޭނުންކުރަނީ. ރަށްފުށުގައިވެސް ބޭނުންކުރަނީ. ހުރިހާ ތަނެއްގައި މީތި އެބަބޭނުންކުރޭ. މިކަންވެސް އަޅުގަނޑުމެންނަށް އެނގޭ. އެހެންވީމާ، މިކަންކަން ރަނގަޅު ކުރުމަށްޓަކައި ކުރެވޭ މަސައްކަތް، އަޅުގަނޑުމެން އެންމެން އެއްބާރުލައިގެން އެބަ ކުރަންޖެހޭ. މަޢްލޫމާތު އެއްކުރުން އެއީ، މީގެ ވަރަށްބޮޑު ބައެއް.

މިހާތަނަށް އަޅުގަނޑުމެންނަށް އެނގިފައި ހުރި އެނގުމުން އަދިވެސް އިތުރު އެއްޗެއް ދަންނަވާލާނަން. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ހީކުރާނެކަންނޭނގެ، މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަކީ އެއީ، ވަރަށް ވިޔާނުދާ ކުދިން ތަކެކޭ. މިދެންނެވީ މުޖުތަމަޢުގައި ބޭކާރުވެފައި ތިބި ކުދިންތަކެކޭ. ނޫނީވިއްޔާ މައިންބަފައިން ނެތް ކުދިންތަކެކޭ. ނޫނީވިއްޔާ ނުކިޔަވާ ތިބި ކުދިންތަކެކޭ. ދާދިފަހުން ޔޫ.އެން.ޑީ.ޕީ.ގެ ފަރާތުން ކުރެއްވި ސަރވޭއެއް، ހެއްދެވި ސްޓަޑީއެއް މިތާނގެ ޕްރިޒްންތަކާބެހޭގޮތުން، ޖަލުތަކާ ބެހޭގޮތުން. އެ ހެއްދެވި ސްޓަޑީގައިވެސް އެދިރާސާގައިވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ، މީގެ ތެރެއިން ހަމަ ގިނަކުދިންނަކީ ކިޔަވައިގެން ތިބި ކުދިން. ހަމަ ރަނގަޅަށް ކިޔަވައިގެން ތިބި ކުދިން. އަދި ހަމައެހެން، މީގެތެރެއިން ގިނަކުދިންނަކީ މައިންބަފައިންވެސް ހަމަ މަންމައާއި ބައްޕައާވެސް ތިބި ކުދިން. އެހެންވީމާ، އަޅުގަނޑުމެން އަދި މި ހީކުރާ ގޮތަކަށް ނޫން މިކަންކަން މިއޮތީކީއެއް. ވީމާ، މީގެ ޙަޤީޤަތް ރަނގަޅަށް އޮޅުން ފިލުވުމަށްޓަކައި މިބާވަތުގެ ދިރާސާއެއް ކުރަން މިޖެހެނީ. އެއީ، ކޮން ކުދިންނެއްކަމާއި، އެކުދިންގެ ޙާލަތު ހުރީ ކިހިނެއް ކަމާއި، ގޭތެރޭގެ ކަންތައް ހުރީ ކިހިނެއްތޯއާއި، މަސައްކަތުގެ ކަންތައްތައް ހުރީ ކިހިނެއްތޯއާއި، ބޭނުންކުރަނީ ކޮންކަހަލަ މަސްތުވާތަކެއްޗެއްތޯއާއި، އެ ހޯދަނީ ކިހިނެއްތޯއާއި، އެކަމުން ލިބޭ ފަރުވާ ހުރީ ކިހިނެއްތޯއާ، މިހުރިހާ ކަމަކާ ބެހޭ މަޢްލޫމާތުތައް އަޅުގަނޑުމެން އެއްކުރަން އެބަޖެހޭ. މިހާރު އެމަޢްލޫމާތު އެއްކުރީމާ އަޅުގަނޑުމެންނަށް ފަހުން އެނގޭނީ، އަޅުގަނޑުމެން ކުރި މަސައްކަތެއް ކާމިޔާބުވިތޯ ނުވަތަ ނުވޭތޯ. މަސައްކަތެއްގެ ކާމިޔާބު ޖެހޭނީ މިނަން. މިނޭނީ ކޮންމެވެސް އެއްޗަކާ އަޅާކިޔައިގެން. އެހެންވީމާ، އަޅާ ކިޔުމަށްޓަކައި ބޭސްލައިނެއް އެބަޖެހޭ ތައްޔާރު ކުރަން. އެ ބޭސްލައިންނަށް ބޭނުންވާ މަޢްލޫމާތު، މި ސަރވޭ ހެދުމުން އަޅުގަނޑުމެންނަށް ލިބޭނެ. އޭރުން މީގެ އެއްއަހަރު ދުވަސް ފަހުން، ނޫނީ ދެއަހަރު ދުވަސް ފަހުން، ނޫނީ ފަސް އަހަރު ދުވަސް ފަހުން އަޅުގަނޑުމެންނަށް ބުނެވޭނެ 2011ވަނަ އަހަރާ އަޅާ ބަލާއިރުގައި މިހާރު ރާއްޖޭގެ ހާލަތު އޮތީ ރަނގަޅުވެފައޭ، ނޫނީ ގޯސްވެފައޭ. މަޢްލޫމާތާނުލާ ދެކެވޭ ވާހަކައަކީ ހަމަ ހީވާ ހީވުންތަކެއް. ގިނަ ފަހަރަށް އެ ހީވާ ހީވުންތަކަކީ އެއީ، ގޯސް ހީތަކެއް. ތާކުންތާކު ނުޖެހޭ ހީތަކެއް. އެހެންނަމަވެސް، އޭގެ މައްޗަށް ބިނާކޮށް އެކިއެކި ޑިޒިޝަންތައް، ނިންމުންތައް ނިންމައި، އެތައް ބައިވަރު ޚަރަދުތައް އެކި ޕްރޮގްރާމްތަކަށް ކުރަމުން އަޅުގަނޑުމެން މިގެންދަނީ. އޭގެ ސަބަބުން، އަޅުގަނޑުމެންނަށް ނެރެން ބޭނުންވާ ނަތީޖާ ނުނުކުމެ ހިނގައިދާނެ. އެހެންވީމާ، ރަނގަޅަށް ރޭވިގެން ސައިންޓިފިކް ގޮތަކަށް، ކަމާބެހޭ މަޢްލޫމާތު ރަނގަޅަށް ސާފުކޮށް، އޭގެ މައްޗަށް ބިނާކޮށްގެން ޕްރޮގްރާމްތައް ރާވައި ޕްރޮގްރާމްތައް ހިންގުމުން، މިއިން އެދެވޭ ރަނގަޅު ނަތީޖާއެއް ނުކުންނާނެ.

އަޅުގަނޑު ވަރަށް އުފާކުރަން، ތިޔަ ހުރިހާ ބޭފުޅުން މިކަމުގައި ބައިވެރިވެވަޑައިގަންނަވާތީ. މިއީކީ އެއްގޮތަކަށްވެސް ފަސޭހަ މަސައްކަތެއް ނޫން. އަޅުގަނޑު ކުރިން ދެންނެވިހެން އުޖޫރައަކަށް ކުރާ މަސައްކަތެއް ކަމަށް ނުބައްލަވައި، މިކަމަކީ މިއީ، ޤައުމީ ފެންވަރެއްގައި އަޅުގަނޑުމެން ކުރަންޖެހޭ ހަމަ ވަރަށްބޮޑު ޖިހާދެއް ކަމަށް ވިސްނާވަޑައިގަންނަވައިގެން، މިކަމުގެ މަޢްލޫމާތު ހުރިހާ ބޭފުޅުން ފުރިހަމައަށް، ވީހާވެސް އަވަހަކަށް ހޯއްދަވައި ދެއްވުން އެއީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

އެހެންވީމާ، ތިޔަ ކުރައްވާ މަސައްކަތަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި އިނޯވާގެ ފަރާތުން މިކަހަލަ މަސައްކަތާ ހަވާލުވެވަޑައިގެން މިކަން ރާއްވަވައިގެން މިކަން ކުރިއަށް ގެންގޮސްދެއްވާތީ އަޅުގަނޑު އިނޯވާއަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މީގައި ބައިވެރިވާ ހުރިހާ ޖަމާޢަތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. މިކަމުގައި ޑީ.ޑީ.ޕީ.އާރު.އެސް.ގެ ފަރާތުން ދެއްވާ އެހީތެރިކަމަށް އެބޭފުޅުންނަސްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. މި ސަރވޭއަކީ މިއީ، ސަރުކާރުގެ ފަރާތުން ހިންގާ ވަރަށްބޮޑު މަޝްރޫޢެއް. މިކަމަށް އ.ދ.ގެ ޔޫ.އެން އޯ.ޑީ.ސީ،ގެ ފަރާތުން ވެދެއްވާ އެހީއަށްޓަކައި އޯ.ޑީ.ސީ. އަށްވެސް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުންގެ މަސައްކަތް ކާމިޔާބުވުމަށް އެދި އަދި ރާއްޖޭގެ ޒުވާނުންގެ ޙާލަތު ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވެ، އަޅުގަނޑުމެންގެ ޒުވާނުންނަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި ބޮޑުވަމުން ކުރިއަރަމުންދާ ބަޔަކަށްވުން އެދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަރިހުން ދުޢާ ދަންނަވަން.

والســّلام عليــكم