ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަރިއަތޮޅު އުތުރުބުރީ މަތިވެރިއަށް ވަޑައިގެން އެރަށު ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރެވޭނެ މަސައްކަތްތަކާއި ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރަށުގެ ބޯޅަ ދަނޑު ތަރައްޤީކުރުމާއި، ރަށުގައި ފުޓުބޯޅައާއި އެހެން ކުޅިވަރުތައް އާލާކުރުމާ ބެހޭގޮތުން ކައުންސިލް މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރައްވައި، ބޯޅަދަނޑުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޒުވާނުން ބިނާކުރެވޭނީ "ހުނަރު" ފަދަ ޕްރޮގްރާމްތައް ހިންގައިގެންކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ، އއ. މަތިވެރީ ސްކޫލްގައި ހިނގަމުންދިޔަ އޮލިމްޕިކް ކޮމިޓީގެ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާ ބައްދަލުކުރައްވައި، އޮލިމްޕިކް ކޮމިޓީގެ ބޭނުމަކީ ސަރަޙައްދީ ކުޅިވަރު ތަރައްޤީކުރުން ކަމުގައި ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި، އއ. މަތިވެރީ ހެލްތް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރައްވައި، އެ މަރުކަޒުގެ މަސައްކަތްތައް ހިނގަމުންދާ ގޮތްވެސް ބައްލަވައިލެއްވިއެވެ.