މިނިސްޓަރ އޮފް އިސްލަމިކް އެފެއާޒް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވުމާ ގުޅިގެން، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނަށް ދެއްވި ރުހުމަކީ، ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރުމާއި ދީނީ ކަންކަން ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ތާއީދާއި ރުހުން އޮތްކަން ފެނިގެންދިޔަ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށްއޮތްތާނގައިވެސް އިސްލާމްދީނާ ދެކޮޅަށް އަންނަ ތަފާތު ގޮންޖެހުންތަކަށާއި ވަކިން ޚާއްޞަކޮށް، ފިކުރީގޮތުން މާތްވެގެންވާ އިސްލާމްދީނުގެ ޤަދަރާއި ހައިބަތު ކުޑަކުރުމަށް ދީނުގެ ނަމުގައި ކުރާ މަސައްކަތްތައް ހުއްޓުވުމަށް ލިބިވަޑައިގެންނެވި އިތުރު ބާރެއްކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.