މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން އިސްތިސްނާ ކަނޑައަޅުއްވާފައިވާ ދާއިރާތަކުން މައުލޫމާތު ހޯދުމަށް ހުށަހަޅައިފައިވާ ފޯމުތައް ފިޔަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރް.ޓީ.އައި ފޯމަކަށް، ހުކުރު ދުވަހުގެ ނިޔަލަށް ޖަވާބު ދެވިފައިވާކަމަށް، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ މިއަދުގެ ބައްދަލުކުރެއްވުމުގައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ސަރުކާރުގެ އެހެން ވުޒާރާތަކާއި އިދާރާތަކަށްވެސް، މި ގޮތަށް މަސައްކަތް ކުރެއްވުމަށް ހިތްވަރުދެއްވައި، މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމުތަކަށް ޖަވާބުދިނުމަށް ބޭނުންވާ އެހީތެރިކަންވެސް، ސަރުކާރުން އެއިދާރާތަކަށް ފޯރުކޮށްދެއްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވަނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ، އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ޢާންމުކުރުމުގެ ޒިންމާ އަދާކުރުމުގައި، ސަރުކާރުން ސައްތައިން ސައްތައަށް އިޖާބަދެއްވުމަށް ކަމުގައިވެސް ތަރުޖަމާނު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ، މެދުއިރުމައްޗާއި ގަލްފުގެ ހަނގުރާމައިން ރާއްޖެއަށް ކުރާ އަސަރުތަކާ ގުޅޭ އިތުރު މަޢުލޫމާތުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން، ހުރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ނުކުރެވޭ މައްސަލައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނޭ މުދަލުގެ ދަތިކަމަށް ތައްޔާރުވުމުގެ ގޮތުން، ޔޫ.އޭ.އީ އިން ރާއްޖެއަށް މުދާ އެތެރެކުރާ މަގުތަކަށް ގެނެވިފައިވާ ބަދަލުތަކަށާއި، ރާއްޖެއަށް މުދާ އެތެރެކުރެވޭނޭ އެހެން މަގުތައް ހޯދުމަށް ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމަށް ކޮށްފައިވާ އަސަރުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވައިލެއްވިއެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު، މިދިޔަ އަހަރުގެ ތަފާސްހިސާބުތަކާ އަޅައިބަލާއިރު ހީނަރުވެފައިވަނީ 16 އިންސައްތައިން ކަމަށާއި، މިއީ ހަނގުރާމަ ފެށުނިއިރު މަސްއޫލުވެރި އިދާރާތަކުން އަންދާޒާ ކުރި ހިސާބަށް ވުރެ ކުޑަ މިންވަރެއްކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ. އަދި ހޫނު މޫސުމުގެ ޗުއްޓީއާ ގުޅިގެން، ފަތުރުވެރިކަމަށް އަންނަ ބަދަލަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖެ އާއި ރާއްޖެ އަށް ފަތުރުވެރިން އަންނަ މާކެޓްތަކާ ދެމެދު އުދުހުންތައް އިތުރުކުރުމަށް، އޮޕަރޭޓަރުން ގާތު އެދިވަޑައިގަންނަވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
14 ނޫސްވެރިންނާއެކު މިއަދު ކުރިއަށްގެންދަވާފައިވަނީ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ ހަތަރު ވަނަ ބައްދަލުކުރެއްވުމެވެ.