ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިންގަމުން ގެންދާ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޢަމަލީގޮތުން މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

ސޯލާ ޕެނަލް ހަރުކުރެއްވުމުގައި ބައިވެރިވެވަޑައިގަތުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢުގެ ސަބަބުން މާލޭގައި ބޭނުންކުރެވޭ ކަރަންޓަށް ކުރެވޭ ޚަރަދުގެ ތިންބައިކުޅަ އެއްބައި ހެޔޮވާނެ ކަމުގައި ވިދާޅުވިއެވެ. މިއީ، މިހާރު ދައުލަތުގެ އާމްދަނީން ސަރުކާރަށް ކޮށްދެއްވެން އޮތް ކަމެއް ކަމަށާއި، ސަރުކާރުގެ މެނިފެސްޓޯ ބިނާވެފައި އޮންނާނީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި، އިޢާދަކުރަނިވި ހަކަތަ އިތުރު ކުރުމަށާއި، އަދި ތެޔޮ އެތެރެކުރާ މިންވަރު މަދުކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި މަޝްރޫޢުގެ ސަބަބުން ލިބޭ ހަމައެކަނި ފައިދާއަކީ، އާންމުންގެ ޖީބަށް ލުއިވުމެއް ނޫން ކަމަށާއި، ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަ ކުރެވުމުން ބޭރު ފައިސާ ރާއްޖެއިން ބޭރުކުރާ މިންވަރުވެސް ކުޑަކުރެވޭނެކަން ފާހަގަކުރެއްވިއެވެ. އަދި 2013 ވަނަ އަހަރުގެ ނިޔަލަށް، މާލޭގައި ބޭނުންކުރާ ހަކަތައިގެ 20، 25 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ހެދޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއީ، "ޕްރޮޖެކްޓް ފޮރ ކްލީން އެނަރޖީ ޕްރޮމޯޝަން އިން މާލެ" މަޝްރޫޢުގެ ދަށުން މާލޭގެ އެކިއެކި ޢިމާރާތްތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ބަހައްޓައިގެން ކަރަންޓު އުފައްދައި، ސްޓެލްކޯގެ ނެޓްވަރކަށް ގުޅާލުމަށް ހިންގޭ މަޝްރޫޢެކެވެ.