އެމީހެއްގެ އަމިއްލަ ގޮތްތައް ކުރިއަށް ނެރެ، އެހެން މީހުންގެ ޚިޔާލަށް ނުބަލައި، ތިމާއާ އެއްބަސް ނުވާ ކޮންމެ މީހަކީ ދުޝްމަނެއްކަމަށް ބަލާނަމަ، ދާދި އަވަހަށް ދާޚިލީ ހަމަނުޖެހުމެއް އުފެދިދާނެ ކަމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އިންޓަރނޭޝަނަލް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް މޫވްމަންޓްގެ 187 ވަނަ މެންބަރު ޤައުމަކަށް ދިވެހިރާއްޖެވުން ފާހަގަކުރުމަށް ރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހިރިޔާ ސްކޫލްގައި އޮތް މިޙަފްލާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ، ހަމަނުޖެހުމުން ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަކީ، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގައި އުފެދެމުންދާ ފިކުރީ އަދި ސިޔާސީ ކޯޅުންތަކާމެދު ކަންބޮޑުވާންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެ، ދާޚިލީ ހަމަނުޖެހުމަކަށް ދިޔަނުދިނުމަށްޓަކައި ކަންކަމުގައި އެއްބަސް ވެވޭނެ އުސޫލެއް ކަނޑައެޅިގެން، ގިނަ ބަޔަކަށް މަންފާކުރާ ގޮތަށް ކަންކަން ނިންމުން މުހިންމު ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވިގޮތުގައި، ޤުދުރަތީ އެކިއެކި ކާރިޘާތަކާއި އިންސާނުން އަމިއްލައަށް ކުރާ ކަންތައްތަކުން ކުރިމަތިވާ ހާދިސާތަކުން އަޅުގަނޑުމެން އަބަދުވެސް ފިލާވަޅު ލިބިގަންނަން ޖެހެއެވެ. މިގޮތުން، ކުރިމަތިވާ ހާދިސާތަކުގެ ތެރެއިން ބައެއް ހާދިސާތަކަކީ، އަޅުގަނޑުމެންނަށް އެކަނި ކޮންޓްރޯލްކުރެވޭ ކަހަލަ ހާދިސާތަކެއް ނޫންކަން ދަންނަން ޖެހޭނެ ކަމަށާއި، އަނެއް ފިލާވަޅަކީ، އެފަދަ ބޮޑެތި ކަންކަމުން ސަލާމަތްވުމަށްޓަކައި ވަރަށް ދިގު މުއްދަތެއް ނަގާކަން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި، އެންމެ މުހިންމު ފިލާވަޅަކީ، އެފަދަ ހާދިސާއަކަށް އަޅުގަނޑުމެން ކުރިއްސުރެ ތައްޔާރުވެގެން ތިބުން ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓުން ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވައިލައްވަމުން، އެޖަމްޢިއްޔާގެ ފަރާތުން އެކި ރަށްރަށުގައި ހިންގަމުންގެންދާ ތަމްރީން ޕްރޮގްރާމްތަކާއި، ޒުވާނުން ލައްވާ މަސައްކަތް ކުރުވައި، ޒުވާނުން ބާރުވެރިކުރުވުމަށް އެޖަމްޢިއްޔާއިން ކޮށްދެއްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ އެކިއެކި ކަންކަމާ ގުޅިގެން އިންޓަރނޭޝަނަލް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް މޫވްމަންޓުން ހިލޭ ސާބަހަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަންކަމަށްވެސް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.