ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަރުކަޒު"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް 2011 ޑިސެމްބަރ 4 ވަނަ ދުވަހު އުފައްދަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަރުކަޒު ހިނގަމުންދާނީ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ދަށުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި އިދާރާ މި އުފެއްދެވީ، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީވެ ފުޅާވަމުން ދިޔުމާއެކު، ކުޅިވަރުގެ ޤައުމީ މަރުކަޒެއް ރާއްޖޭގައި ޤާއިމުކުރުމަކީ ކޮންމެހެން ބޭނުންކަމެއްކަމުގައި ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާފައިވާތީކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަރުކަޒަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 432 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަރުކަޒުގެ ނަން އިނގިރޭސިބަހުން ބޭނުންކުރައްވާނީ ތިރީގައިމިވާ ގޮތަށްކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
Maldives National Institute of Sports
ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަރުކަޒުގެ މަސައްކަތްތަކުގެ ލިސްޓް މިދެންނެވުމާއެކު އެވަނީއެވެ.

ދިވެހިރާއްޖޭގެކުޅިވަރުގެޤައުމީމަރުކަޒުގެމަސައްކަތްތައް

1.      ކުޅިވަރާ ގުޅުންހުރި ތަފާތު ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ތަފާތުކުރުމެއްނެތި ހުރިހާ ފަރާތްތަކަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކޮށްގެން ކުޅިވަރުގައި ހަރުދަނާ ވާދަވެރިކަން އުފައްދައި ކުރިއެރުވުން.
2.      ކުޅުންތެރިން ދުޅަހެޔޮ ޞިއްޙަތެއްގައި ދެމެހެއްޓުމަށްޓަކައި ރަނގަޅަށް ފަރުމާ ކުރެވިފައިވާ ހަށިގަނޑުގެ ތަރުބިއްޔަތުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ހިތްވަރުދިނުމާއި، މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ޖިސްމާނީ ދުޅަހެޔޮކަން ބެލޭނެ އިންތިޒާމް ހަމަޖެއްސުން.
3.      ތަފާތު ކުޅިވަރު ކުޅޭ މީހުންގެ ހުނަރުވެރިކަން ކުރިއެރުވުމަށްޓަކައި، އެ ކުޅިވަރަކާގުޅޭ ފެންވަރު ރަނގަޅު ތަމްރީނުތައް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުން.
4.      "ކުޅިވަރު އެންމެންނަށް" މި ޝިޢާރުގެ ދަށުން ކުޅިވަރާބެހޭ ތަޢްލީމާއި ތަމްރީނު ފޯރުކޮށްދިނުމުގައި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުން.
5.      ކުޅުންތެރިންގެ "ޕަރފޯމަންސް ޕްރޮފައިލް" އެކުލަވާލައި އިތުބާރުކުރެވޭ ގޮތެއްގެ މަތިން އެ މަޢްލޫމާތު ބެލެހެއްޓުން.
6.      ކުޅިވަރުގައި ބޭނުންކުރުން މަނާ ބޭސް ބޭނުންކުރުން ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެފަދަ ބޭސްތަކާބެހޭ މަޢްލޫމާތު އެއްކޮށް، އެ މަޢްލޫމާތު އާންމުކުރުން.
7.      ކުޅިވަރު ކުޅުންތެރިންނަށް ދިމާވާ ނަފްސާނީ ކަންކަން ދެނެގަނެ އެ ކަންކަމުގައި ކުޅުންތެރިންނަށް އެހީތެރިވެދިނުން.
8.      ކުޅިވަރު ކުޅުމުގެ ތެރޭގައި ލިބޭ ހާނީއްކަތައް ދެނެގަތުމާއި، އެ ހާނީއްކަތަކަށް ފަރުވާދިނުމުގެ އިންތިޒާމް ހަމަޖެއްސުން. އަދި، އެފަދަ ހާނިއްކަތައް ދިމާނުވާނެ ގޮތްތަކާ ބެހޭ ދިރާސާތައްކޮށް، އެ ދިރާސާތަކުން ހޯދޭ މަޢްލޫމާތު ކުޅުންތެރިންނާ ހިއްސާކުރުން.
9.      ކުޅިވަރު ކުޅުމުގެ ތެރޭގައި ހާނީއްކަވާ ކުޅުންތެރިން ރައްކާތެރިކަމާއެކު އަލުން ކުޅިވަރުގެ މައިދާނަށް ރުޖޫޢަކުރުން.
10."ސްޕޯރޓްސް ނިއުޓްރިޝަން" އާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން.
11.ކުޅިވަރުގެ ދާއިރާގެ ޕްރޮފެޝަނަލް ކެރިއަރއެއް ބިނާކުރުމަށްޓަކައި ކުޅުންތެރިންނަށް ބޭނުންވާނެ މަޢްލޫމާތާއި ތަމްރީނު ދެވޭނެ އިންތިޒާމް ހަމަޖެއްސުން.
12. ކުޅިވަރުކުޅުން ހުއްޓާލާ ޕްރޮފެޝަނަލް ކުޅުންތެރިން މުޖުތަމަޢަށް ނެރެވޭނެ ކެރިއަރ ޕްލޭން ރާވައި، އެ ޕްލޭނަށް ހޭލުންތެރިކުރުވައި، އެ ޕްލޭނަށް ޢަމަލުކުރުމަށް މަގުފަހިކޮށްދިނުން.
13. ސްޕޯރޓްސް ނިއުޓްރިޝަންއާއި، ކުޅިވަރު ކުޅުމުގައި ލިބޭ އަނިޔާއާއި، އަދި މިނޫންވެސް މިފަދަ ކުޅިވަރުގެ ދާއިރާގެ މަޢްލޫމާތުދޭ ފަރާތްތައް އުފައްދައި، މި ފަރާތްތައް މެދުވެރިކޮށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ބުނެވިދިޔަ ކަންކަމާބެހޭ ފުރިހަމަ މަޢުލޫމާތު ދިނުމާއި، މިކަންކަމާ ގުޅުންހުރި "ސައެންޓިފިކް ޑޭޓާ" އެކުލެވޭ ވެބްސައިޓްތަކާއި، ރިޕޯޓްތަކުގެ ލިންކްތައް، ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމި މަރުކަޒާ ގުޅުން އުފައްދާ ޤައުމީ އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ހިއްސާކުރުން. އަދި، ކުޅިވަރާބެހޭ މަޢްލޫމާތު އެއްކޮށް، ކުޅިވަރާބެހޭ ރެކޯޑުތައް ބަލަހައްޓައި، ޢާންމުކޮށް ލިބޭނެ ގޮތް ހެދުން.
________________