"ޒައިދް ފިއުޗަރ އެނަރޖީ ޕްރައިޒް" މިއަހަރު ޙާސިލްކުރާނެ ފަރާތްތައް ކަނަޑައެޅުއްވުމަށް މިއަދު ޔޫ.އޭ.އީގެ އަބޫދާބީގައި ބޭއްވެވި ފަނޑިޔާރުންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މިހާރު އަބޫދާބީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، "ޒައިދް ފިއުޗަރ އެނަރޖީ ޕްރައިޒް"ގެ ފަނޑިޔާރަކަށް ވެވަޑައިގަތުމަށް އެފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

"ޒައިދް ފިއުޗަރ އެނަރޖީ ޕްރައިޒް" އަކީ، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ބާރުއަޅުއްވައި، އެކަމަށް ހިތްވަރުދެއްވުމުގެ ގޮތުން ކޮންމެ އަހަރަކު ދެމުން ގެންދާ އިނާމެކެވެ. މިއަދު އޮތް ފަނޑިޔާރުންގެ ބައްދަލުވުމަށްފަހު، ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ޕެނަލުންވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.