ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސިޔާސީ ޕާޓީތަކުންނާއި، އެކި ފަރާތްތަކުން ސަރުކާރުގެ މައްޗަށް ކޮރަޕްޝަންގެ އެކި ތުހުމަތުތައް ކުރައްވަމުން ގެންދަވާތީ، މިފަދަ ތުހުމަތުތަކާމެދު ސަރުކާރުން ޢަމަލު ކުރައްވާނެ ގޮތުގެ ނިޒާމެއް ޤާއިމް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގައި، މިކަމާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މި ނިޒާމްގެ ދަށުން ކޮރަޕްޝަނާ ގުޅޭގޮތުން ސަރުކާރާމެދު ކުރެވޭ ތުހުމަތުތައް މޮނިޓަރ ކުރައްވާނެ ސަރުކާރުގެ އިދާރާއަކީ، އެޓަރނީޖެނެރަލްގެ އޮފީސް ކަމަށް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ އެކި ޖަލްސާތަކުގައި ކޮރަޕްޝަނާ ގުޅޭގޮތުން ދައްކަވާ ވާހަކަފުޅުތަކާއި، އަދި ސިޔާސީ ޕާޓީތަކުންނާއި އެކިފަރާތްތަކުން ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ގޮތަށް ދައްކަވަމުން ގެންދަވާ ވާހަކަތައް ބައްލަވައި ތަޙުޤީޤު ކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ތުހުމަތުތައް ތަޙުޤީޤުކޮށް ނިމޭއިރު، މިއީ އަޞްލެއް ނެތް ވާހަކަތަކެއް ކަމަށް ސާބިތުވާނަމަ، ޙަޤީޤަތާ ޚިލާފު ވާހަކަ ދައްކާ ފަރާތްތަކާމެދު ސަރުކާރުން އަބުރުގެ ދަޢުވާ ކުރެއްވުމަށްވެސް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.

ރާއްޖޭގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިޔުމަށްޓަކައި ޑިވެލޮޕްމަންޓެއް ބޭންކެއް އުފެއްދުމަކީ، ވަރަށް ބޭނުންތެރި ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ، މިކަމާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށްފަހު، ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމާ ގުޅޭ ބިލެއް، ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ހުށަހެޅުއްވުމަށް ނިންމެވިއެވެ.