މަޤްޞަދު ހާމަކުރެއްވުމަށްފަހު، ސިއްރު ކުރެއްވުމުން، ދީން ހިމާޔަތްކުރާ ނަމުގައި ބާއްވަން އުޅޭ މުޒާހަރާއަށް ނިސްބަތް ކުރެވޭ ނުރައްކާތެރިކަން އިތުރުވެގެން ހިނގައްޖެ ކަމުގައި ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ފާހަގަކުރައްވައިފިއެވެ.

ނޫސްވެރިންނަށް މިއަދު މަޢުލޫމާތު ދެއްވަމުން، ޕްރެސް ސެކްރެޓަރީ ވިދާޅުވިގޮތުގައި، ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ، ދިވެހި ރައްޔިތުންގެ ބަޔަކު މެރުމަށް ތަފާތު ތިން ގޮތަކަށް ގޮވާލައްވައި، ޢާންމު ކުރައްވާފައިވާ އިންޓަރނެޓް ލިޔުން ހިމެނޭ ވެބްސައިޓަށް ވަނީ އައްޝައިޚް އާދަމް ޝަމީމް ބުނި އިބްރާހީމާއި، ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲ އެބޭފުޅުންގެ ނަންފުޅާއި ޝަޚުޞިއްޔަތު ޙިއްޞާކޮށްދެއްވާފައެވެ. "އެނގިވަޑައިގަންނަވާނެ، ޚަބަރުފަތުރާ ނޫސް އަދި އިންޓަރނެޓް ވެބްސައިޓްފަދަ ވަސީލަތްތައް ހިންގަވަނީ، ދުވަހު ޢަދަދު ނެރުއްވާ އުޞޫލުން. އެހެންކަމުން، އެބޭފުޅުންގެ ވެބްސައިޓްގެ 11 ވަނަ ދުވަހުގެ ޢަދަދުގައި، އެބޭފުޅުންގެ މަޤްޞަދުގެ ގޮތުގައި ދެކެވަޑައިގަންނަވާ ޝުޢޫރުތައް އެވަނީ ޝާއިއު ކުރައްވާފައި. އެހެންކަމުން، ޖެހިގެން އަންނަ ދުވަސް ދުވަހުގެ ޢަދަދުގައި އެ ލިޔުން ނެތުމުން، އެމަޤްޞަދު ނެތްކަމަށް ނުވަތަ ފާޅުނުކުރައްވާ ކަމަކަށް ނެހެއްދެވޭނެ." ޒުހައިރު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން، ޒުހައިރު ވިދާޅުވީ، މިހާރު އެލިޔުން ވެބްސައިޓުން ނެގުމުން ދޭހަވަނީ، އެބޭފުޅުން ހާމަކުރައްވާފައިވާ އެވާ ވަރުގަދަ މަޤްޞަދު ސިއްރު ކުރެއްވީ ކަމުގައެވެ. ސަބަބަކީ އެވެބްސައިޓަށް އަމިއްލަ ނަންފުޅާއި ޝަޚްޞިއްޔަތު ޙިއްޞާ ކޮށްދެއްވައިގެން ޙަރަކާތްތެރިވެވަޑައިގަންނަވާ ދީނީ އެއްވެސް ޢިލްމުވެރިޔަކު އެޝުޢޫރާ ދެކޮޅަށް އެއްޗެއް ވިދާޅުނުވާތާ އިންކާރުވެސް ކުރައްވާފައި ނެތުން ކަމުގައެވެ.

މިބާވަތުގެ ނުރައްކާތެރި ޖަރީމާތަކާ ދީނީ ޢިލްމުވެރިންގެ ނަންފުޅުތައް ނިސްބަތް ކުރެވުމުން، އެބޭފުޅުން އެކަންކަމާމެދު ފާޅުކަންބޮޑު ގޮތެއްގައި އެއްޗެއް ވިދާޅުނުވާހާ ހިނދަކު ބެލެވޭނީ، ދިވެހިންގެ ބަޔަކު މަރާލުމަށް ގޮވާލުމުގެ ނުބައި އަދި ބޮޑު ޖަރީމާތަކުގެ ފަހަތުގައި ތިއްބެވީ، އައްޝައިޚް އާދަމް ޝަމީމް ބުނި އިބްރާހީމާއި، ޝައިޚް ޢިމްރާން އަބްދުﷲ ފަދަ ބޭފުޅުން ކަމުގައެވެ. ދިވެހި ދީނީ ދަންނަބޭކަލުންގެ އަގު ވެއްޓިދާފަދަ މިބާވަތުގެ ތުހުމަތުތަކުން ދުރުހެލިވެވަޑައިގެން، އަމިއްލަފުޅު ޢިއްޒަތަށްޓަކައި ޖަވާބު ދެއްވުމަށް ޖެހިލުންވެވަޑައިގެންނެވުމުން އެނގެނީ، އެފަދަ ބޭފުޅުންގެ ބައިވެރިވެވަޑައިގަތުން، ސަރުކާރުގެ ސިޔާސީ ވާދަވެރިންނާ ގުޅުން ހުރެގެން، ބޮޑެތި ޖަރީމާތައް ދީނުގެ ނަމުގައި ހިންގެވުމަށް ހިތްވަރު ދެއްވުމުގައި އިސްވެ ތިއްބެވީ ކަމުގައެވެ.

މި ރާއްޖޭގެ އެއްވެސް ރައްޔިތަކު މެރުމަށް އެހެން ރައްޔިތަކަށް ފަތުވާއެއް ނުދެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައި ކަމަށްވެސް ޒުހައިރު މިއަދު ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ދީނުގެ ނަމުގައި ރާއްވަވަމުން ގެންދަވާ މުޒާހަރާގެ ވެބްސައިޓްގެ އިފްތިތާޙީ ޢަދަދު ކަމުގައިވާ ޑިސެމްބަރ 11 ވަނަދުވަހުގެ ޢަދަދުގައި ޝާއިޢު ކުރައްވާފައިވާ ޢިބާރާތްތަކަކީ " ޤާނޫނާ ގަވާއިދު މުގުރާފައި އިސްލާމްދީނަށް ގޮންޖަހާ މީހުންގެ ޙުކުމަކީ ރައްޔިތުން ނުކުމެ އެމީހުން މެރުން" އާއި " މިއަދުގެ ޤާނޫނާއި ގަވާއިދަކީ ރައްޔިތުން ނިކުމު އިސްލާމްދީނާ ދެކޮޅުމީހުން މެރުން. ހިތްވަރުދޭމީހުންވެސް މެރުން" އަދި " އިސްލާމްދީނަށް ގޮންޖަހާ ކޮންމެފަހަރަކު އެމީހެއްގެ ފުރާނަ ދުއްވާލުމަށް ދިވެހިން މިތިބޭ ޕާޓީއަކަށް ބެލުމެއްނެތި ތައްޔާރަށް" މިއެވެ.

ދީނީ ޢިލްމުވެރިންގެ ނަންފުޅަށް ނިސްބަތްވާ ގޮތަށް ޢާންމުކޮށްފައިވާ މި ޝުޢޫރުތަކުން ހާމަވާ ނުރައްކާތެރި ޖަރީމާގެ މަޤްޞަދު، ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމުގައިވެސް ޒުހައިރު މިއަދު ފާހަގަކުރެއްވިއެވެ.