ރާއްޖޭގެ ޝަރީޢަތުގައި ލާއިންސާނީ ޙުކުމްތައް ހުރިކަމަށް ބައެއް ބޭފުޅުންނަށް ޤަބޫލު ކުރެއްވެނީ، އެޙުކުމްތައް ބަލައިގެންނެވުމުގައްޔާއި، މާނަކުރެއްވުމުގައި އަދި ދެނެލެއްވުމުގައި އޮޅުންތައް މެދުވެރިވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމަށް، ރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް ނަވަނެތަމް ޕިއްލޭ ވަޑައިގެންނެވި ދުވަހަކީ، ލާއިންސާނީ ކަންތަކާ ބެހޭގޮތުން އ.ދ. އާ އެކީގައި ވާހަކަ ދެއްކުމަށާއި، ބައިނަލްއަޤްވާމީ ދުނިޔޭގައި އިސްލާމީ ޝަރީޢަތުގެ ޤަދަރާއި ޢިއްޒަތް ހާމަކުރުމަށް ލިބުނު ރަނގަޅު ފުރުޞަތެއް ކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން އެފުރުޞަތު ނަގައިލީ، އެކަމަނާ ވިދާޅުވި އެއްޗަކަށް ޖިހާދީ ރޫޙެއްގައި ރައްދު ދެވުމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އިސްލާމީ ޤައުމުތަކުގެ ތެރެއިން ޑިމޮކްރެޓިކް ސިޔާސީ ނިޒާމެއް އޮންނަ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމަށް ރާއްޖެވުމާއި، އ.ދ.ގެ އިންސާނީ ޙައްޤުތަކުގެ ޖަމާޢަތުގެ މެންބަރެއްގެ މަޤާމު ރާއްޖެއަށް ހާޞިލު ކުރެވިފައިވާތީ، އެފުރުޞަތު އެއީ މިފަދަ ވާހަކައެއް ބައިނަލްއަޤްވާމީ ގޮތުން ދުނިޔެއާ ދައްކަން ރާއްޖެއަށް ލިބުނު ރަނުގެ ފުރުޞަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް، ޖިހާދީ ރޫޙެއްގައި ކަން ކުރަން އުޅެގެން، އަޅުގަނޑުމެން ދައްކަން ބޭނުންވާ ވާހަކައެއް، ނުވަތަ ފާހަގަކޮށްދޭން ބޭނުންވާ ނުކުތާއެއްވެސް ފާހަގަނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ކޮމިޝަން އުފެދިގެން އައީ، މި ރާއްޖޭގައި ހިނގަމުން އައި ވަރަށްގިނަ ލާއިންސާނީ ކަންތައްތަކާ ގުޅިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އިސްލާމްދީނުގެ އެންމެބޮޑު ވާޖިބަކީ، އންސާނާގެ ޤަދަރާއި، ކަރާމަތާއި، ޢިއްޒަތް ރައްކާތެރިކޮށްދިނުން ކަމުގައި ވިދާޅުވެ، އިސްލާމީ ޝަރީޢަތްވެސް ބިނާވެފައި އޮންނާނީ، މި އުޞޫލުތަކުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް، ބައެއްފަހަރަށް ވާހަކަ ދެކެވެނީ، އިންސާނީ ޙައްޤަކީ އިސްލާމްދީނާ ޚިލާފްވާ ކަންކަން ހިމެނޭ ކަމެއްގެ ގޮތުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ޙައްޤުތައް ފޯރުކޮށްދިނުމަށްޓަކައި ޒިންމާދާރު އިޤްތިޞާދީ ސިޔާސަތެއް ހިންގަންޖެހޭ ކަމަށާއި، ޓެކްސް ނަގަނީ އެއިންސާނީ ޙައްޤުތައް އަދާކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި އަބަދުވެސް ސަރުކާރުގެ އަމާޒަކީ، އިންސާނީ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދިނުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.