މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވަރނިންގ ބޯޑު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެކުލަވައިލައްވައިފިއެވެ. މި ބޯޑު އެކުލަވައިލެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވީ، [މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވަރނިންގ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް، ފުޅާކުރުމަށް ނިހާޔަތަށް ބޭނުންވެފައިވާތީ] ކަމުގައެވެ. [އެހެންކަމުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މަތީ ތަޢުލީމާބެހޭ ޤައުމީ މަޖިލީހާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މަސައްކަތްތައް، އެކަންކަމަށްޓަކައި ނަތީޖާ ނެރެވޭނެ މޭރުމަކުން ވިލަރެސްކޮށް، އެ އޮތޯރިޓީގެ މަސައްކަތްތަކަކީ، ފަންނީ އަދި ޢިލްމީ މަސައްކަތްތަކަކަށް ހެއްދެވުމުގެ މަގު ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާތީ.] ކަމުގައެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ އަޙްމަދު ޢަލިމަނިކެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙަންމަދާއި، ސަރުކާރުގެ މަތީ ތަޢުލީމުދޭ މަރުކަޒުގެ މަންދޫބެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ފަވާޒް ޝަރީފާއި، މަތީ ތަޢުލީމުދޭ އަމިއްލަ މަރުކަޒުތަކުގެ މަންދޫބެއްގެ ގޮތުން ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވަރނިންގ ބޯޑުގައި ޢިލްމީ ތަފާތު ދާއިރާތައް ތަމްސީލު ކުރައްވާނެ ބޭފުޅުންގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، ޞިއްޙީ ދާއިރާއިން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ޗެއަރޕަރސަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ގަލޮޅު ރަތްވިލާގޭ އަލްއުސްތާޛު މަޒްލާން ރަޝީދާއި، ފަންނީ މަސައްކަތްތެރި ކަމުގެ ތަމްރީނުގެ ދާއިރާއިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙަންމަދު ހާޝިމާއި، ތަޢުލީމީ ފަލްސަފާއާއި ކަރިކިއުލަމްގެ ދާއިރާއިން މައްޗަންގޮޅީ ބޯގަންވިލާ އިބްރާހީމް އިސްމާޢީލާއި، މެނޭޖްމަންޓް، ބިޒްނަސް އަދި އެކައުންޓިންގ ދާއިރާއިން ހެންވޭރު ސޭންޑީބީޗް ޔޫޝަޢު ސަޢީދާއި، އިންޖިނިއަރިންގ އާއި އެޕްލައިޑް ސައިންސަސްގެ ދާއިރާއިން ގަލޮޅު ރޯޒަރީވެސްޓް އިސްމާޢީލް އިބްރާހީމާއި، އިންފޮމޭޝަން، ކޮމިއުނިކޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން މާފަންނު ފަލްކަންގޭ މުޙަންމަދު ނާޞިޙާއި، އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން މާފަންނު ޕާކްލޭން ޑޮކްޓަރ އާމިނަތު ޝާފިޢާއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވަރނިންގ ބޯޑު އެކުލަވައިލެއްވުމާ ގުޅިގެން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ރެގިއުލޭޓަރީ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އުވާލައްވައިފިއެވެ.