بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 9 ޑިސެމްބަރ 2011ވީ ހުކުރު ދުވަސް. މާދަމައަކީ 10 ޑިސެމްބަރވާ ހޮނިހިރު ދުވަސް. އެއީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް. މި ދުވަސް އަޅުގަނޑުމެންނާ ކުރިމަތިލާއިރުގައި، މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު އަބަދުވެސް މިދުވަހާ ގުޅިގެން ފާހަގަކުރަމުން އަންނަ ކަންތައްތަކެއްވޭ.

އޭގެތެރޭގައި، ދިވެހިރާއްޖޭގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާ، ރައްޔިތުންނަށް ދެވިފައިވާކަމާއި އަދި އެ އަނިޔާ ލިބިފައިވާ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު އަބަދުވެސް އެކަމާ ޝަކުވާ ކުރަމުންދޭ. މިއަދާ ހަމައަށް އައިއިރުގައިވެސް، އަޅުގަނޑުމެންގެ އިންސާނީ ޙައްޤުތަކާ ގުޅޭ ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން، ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށް ވަނީ މިކަންކަމާ އަޅާލުމުގައިވެސް އަދި މިކަންކަމާ ގުޅޭގޮތުން ތަޙުޤީޤެއް ކުރުމުގައިވެސް އަދި ވަކި އެއްޗެއް ވިދާޅުވުމުގައިވެސް ނުކުޅެދިފައި. ރާއްޖޭގެ ޖަލުތަކުގައި، މިދިޔަ ދިގު ދުވަސްވަރުގެ ތެރޭގައި އެތައް ބައެއް ވަނީ މަރުވެ ގޮސްފައި. ކިތަންމެ ބަޔަކަށް ވަނީ ނުހަނު ގިނަ އަނިޔާ ލިބިފައި. އެއިން އެއްވެސް އަނިޔާއެއް ކުރި ފަރާތެއްވެސް އަދި އެ އަނިޔާ ރައްދުވީ ކޮން ފަރާތަކަށްތޯ، ކޮންފަދަ އަނިޔާއެއްތޯ، ކޮން ބާވަތެއްގެ އަނިޔާއެއްތޯ، އަނިޔާ ލިބުނު މީހުންނަށްވީ ކިހިނެއްތޯ، މިއިން އެއްވެސް ކަމެއް އަޅުގަނޑުމެންނަށް މިއަދާ ހަމައަށްވެސް ބެލިފައެއް ނެތް.

ޤައުމެއް ތަރައްޤީވެ ދިޔުމަށް އަދި ޤައުމެއްގެ ޙާލަތު ރަނގަޅުވެދިޔުމަށް ކޮންމެހެން ބޭނުންތެރި އެއްކަމަކީ، އެޤައުމެއްގެ މާޒީ ރަނގަޅަށް، އެ ޤައުމެއްގެ ރައްޔިތުންނަށް ހަޖަމްވާނެ ގޮތްތަކެއް ހޯދުން. އެކަމަށްޓަކައި އެކި ޤައުމުތަކުގައި އެކިގޮތަށް، އެކިއިރު، އެކި ކަންކަން ހިންގާފައި އެބަހުރި. އެނގިވަޑައިގަންނަވާނެ، ސައުތު އެފްރިކާގެ ޖަލުތަކުގަޔާއި އަދި އެތަނުގެ ނަސްލީ އިމްތިޔާޒުގެ ސިޔާސަތުތައް ހިންގަމުންދިޔައިރުގައި، ރައްޔިތުންނަށް ލިބުނު އަނިޔާތަކާ ގުޅޭގޮތުން ތެދު ޙަޤީޤަތް ބަޔާން ކުރުމުގެ ކޮމިޝަނެއް އެކުލަވައިލާއިރު، ކޮމިޝަންގެ ކުރިމައްޗަށް، ޖަލުތަކުގައި އަނިޔާކުރި އެތައް ބައެއް އައިސް، އެމީހުން ކުރި އަނިޔާތަކުގެ ވާހަކަ، އަނިޔާ ލިބުނު މީހުންނަށާއި، މަރުވެ ގޮސްފައިވާ މީހުންގެ ޢާއިލާތަކަށްވަނީ ކިޔައިދީފައި. އަނިޔާކުރި އެތައް ބައެއް ވަނީ އަނިޔާކުރި ކަމަށް އިޢުތިރާފްވެފައި. އަނިޔާކުރި ފަރާތްތަކުން ވަނީ އެކަމަށް މަޢާފަށް އެދިފައި.

އަޅުގަނޑުމެންގެ ރާއްޖޭގައި މިކަންކަން ފަސޭހަވެދާން، މި ފާރުގަނޑަށް ޙަޤީޤަތުގައި ފަރުވާއެއް ލިބޭނީ، ރާއްޖޭގައިވެސް، ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުންވެސް މާޒީގައި ހިނގާފައިވާ އަނިޔާތަކާ ގުޅޭގޮތުން ކޮންމެވެސް މިންވަރަކަށް ނަމަވެސް މަސައްކަތްތަކެއް ކުރެވިގެން. އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް ތަނުގައި، ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން، މިދެންނެވި މަސައްކަތްތަކުގެ ކޮންމެވެސް ޢަމަލީ ސިފަތަކެއް، ޢަމަލީ ކަންކަމެއް އަޅުގަނޑުމެންނަށް ދައްކަވައިދެއްވާނެ ކަމަށް.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ގުޅޭ ދުވަހާ ގުޅިގެން، އަދިވެސް އަޅުގަނޑުމެންނަށް ފާހަގަވާ އެހެން ކަންތައްތަކެއް ހުރޭ. އެނގިވަޑައިގަންނަވާނެ، 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން 19 ވަނަ ދުވަހު މާފުށީ ޖަލުގައި ޤައިދީއެއްގެ ގޮތުގައި ހުރި މާފަންނު އޭޝިޔާ އީވާން ނަސީމް ބަނދެފައި ބަހައްޓައި ތަޅާ، އޭނާ މަރާލި. އެއަށްފަހުގައި، އޭނާ މަރާލައިފިކަން، ދެން ޖަލުގައި ތިބި އެހެން މީހުންނަށް އެނގިގެން، އެމީހުން އެކަމާ ނުރުހުންފާޅުކޮށް ނުކުތުމުން، އެ ނުކުތް މީހުންގެ ގަޔަށް ބަޑިޖަހާ، އޭގެތެރެއިން އެތައް ބައެއް ވަނީ ހަމަ އެދުވަހު މަރާފައި. މިދެންނެވި ޙާދިޘާއާ ގުޅިގެން، ކިތަންމެ ސިފައިންނަކަށް ވަނީ ޙުކުމް ކުރެވިފައި. ސިފައިންނަށް ޙުކުމް ކުރެވިފައި މިވަނީ، ސިފައިންގެ ކޮމާންޑަކާނުލާ، ޤަވާޢިދާ ޚިލާފަށް، ހަތިޔާރެއް ނެތް ރައްޔިތުންނާ ދިމާކޮށް، ބަޑި ބޭނުންކޮށްގެން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިއަދުވެސް އަދިވެސް ޔަޤީނެއްނުވޭ، ސިފައިން އެ ބަޑި ބޭނުންކުރީ، ސިފައިންގެ އެންމެމަތީ ވެރިޔާ ނުވަތަ ސިފައިންގެ ވެރިން ކޮމާންޑްކޮށްގެންތޯ ނުވަތަ ނޫންތޯ؟ މިސުވާލުގެ ސާދާ ޖަވާބު އަޅުގަނޑުމެން އެބަ ހޯދާންޖެހޭ. އެޖަވާބު ނެތިސް، ސިފައިންގެ ތެރެއިން ބަޔަކަށް، މަރުގެ ޙުކުމް އިއްވައި އަދި އެ ޙުކުމް ތަންފީޛު ކުރަމުން ގެންދިޔުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ވަރަށްބޮޑު ބޭއިންޞާފެއް. ޑިސެމްބަރ 10 ވަނަ ދުވަސް، މިދުވަހު އަޅުގަނޑުމެން މިކަން ހަނދާން ކުރަންޖެހޭކަމީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ހިތުގެ އަޑީން ގަބޫލުކުރާނެ ކަމެއް.

މިއަދު އަޅުގަނޑުމެން މިދެކޭ ޤާނޫނުއަސާސީވެސް އަދި މިއަދު އަޅުގަނޑުމެން މިދެކޭ މިނިވަންކަންވެސް މި ރާއްޖެއަށް ލިބުމުގައި، އެންމެފަހުގެ ފުރޮޅުމަކަށްވީ، އީވާން ނަސީމްކަން އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަން. އެދުވަހު ޖަލުންނާއި، މާލޭ މަގުމަތިންނާއި އަދި މާލޭގެ ޒުވާނުންގެ ހިތްތަކުގައި އުފެދިފައިވާ ޖޯޝާއި ރޫޙު، މުޅި ދިވެހި ރައްޔިތު އެކީގައި ބަލައިގަތް، ދެނެގަތް. އެދުވަހަށްފަހު މި ރާއްޖެ ބަދަލުވި. އަޅުގަނޑުމެން މިއަދު މިދެކޭ ޑިމޮކްރަސީ، އަޅުގަނޑުމެންނަށް މި ލިބުނީ ހިތާމައާއެކު ވަރަށް ޅަ ޒުވާނެއްގެ ފުރާނަ އަޅުގަނޑުމެން އަތުން ގެއްލި ދިޔުމާ ގުޅިގެންވެސްމެ.

އާދެ! މިއަދަކީ އަޅުގަނޑުމެންގެ ޓީމު، ރަތް ޓީމުގެ ވަރަށް ޖޯޝްހުރި ފޯރިގަދަ މެޗެއް ކުޅެވޭ ދުވަހެއް. ދެގަޑިބައިގައި ފަށާ ފުރަތަމަ ކަށިގަނޑުއްސުރެ ފެށިގެން އަޅުގަނޑުމެން ދެން ކުރިއަށް އޮތް 90 މިނިޓް ނިންމާނީ، އެއޮއް ބޮޑު އިންޑިޔާ ބަލިކޮށްފައިކަން އަޅުގަނޑަށް ކަށަވަރު. އަޅުގަނޑުމެންގެ ޓީމުގެ ޖޯޝާއި ރޫޙު އަޅުގަނޑަށް އެނގޭ. އެކުދިން ތިބީ ތައްޔާރަށް. އެކުދިން ތިބީ ކެރި. އެކުދިން ތިބީ ނުކުމެ މޮޅުވުމަށް، ހިތްވަރާ އެކުގައި ޢަޒުމް ކަނޑައަޅައިގެން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.