ކުރީގެ ސަރުކާރަށް އަދި މި ސަރުކާރަށްވެސް ނިސްބަތްކުރެވޭ، ކޮރަޕްޝަންގެ މައްސަލަތައް ބެއްލެވުމަށް އިސްކަންދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ކުރީ ސަރުކާރާމެދު ކޮރަޕްޝަންގެ ތަފާތު ތުހުމަތުތައް، އެކި ދަރަޖައިގައި އުފުއްލިފައިވާއިރު، އެކަންކަމާ ގުޅުން ހުރެގެން ފާހަގަވާން އޮތް މުހިންމު ލިޔެކިޔުމަކީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވަމުން ގެންދަވާފައިވާ ރިޕޯޓްތަކާއި، ޢާންމު އެކިފަރާތްތަކުން ފާހަގަކުރެވިގެން ކުރާ ޝަކުވާތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން، އެއް ދައުރުން އަނެއް ދައުރަށް ގޮސް، ޤައުމެއްގެ ހިންގުން ބަދަލުވަމުންދާއިރު، ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން ނުބެލޭ މައްސަލައެއް، ޙައްލު ނުކުރެވޭ ކަމެއް އޮންނަންވާނޭ ކަމަކަށް ދެކިވަޑައިނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް، އިތުރު އިދާރީ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް 2009 ވަނަ އަހަރު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިއަދާ ހަމައަށް މައިގަނޑު ގޮތެއްގައި ފާހަގަކޮށްލެވޭ ތަފާތު ދިހަވަރަކަށް މައްސަލަ، ރިޔާސީ ކޮމިޝަނުން ބައްލަވައި، ގުޅުންހުރި އިދާރާތަކަށް އެމައްސަލަތަކުގެ ރިޕޯޓް ފޮނުއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ހާމަކުރައްވާފައިވެއެވެ. އޭގެތެރޭގައި، ނާޖާއިޒު ގޮތުގައި ލޯނު ދޫކުރެއްވުމާއި، ވަކިފަރާތްތަކަށް ފައިދާ ހޯއްދަވައިދެއްވުމާއި، ދައުލަތަށް ހޯއްދަވާ މުދަލާމެދު އޮޅުވާލުންތައް އޮޅުވާލައްވައި ހިންގަވާފައިވާ ވައްކަންތަކާއި، ނާޖާއިޒު ގޮތުގައި މަގާމުގެ ނުފޫޒު ބޭނުންކުރެއްވުން ހިމެނިފައިވާކަން ބަޔާން ކުރައްވަމުން، މީގެތެރެއިން ބައެއް މައްސަލަތައް މިހާރުވަނީ ޝަރުޢީ މަރުޙަލާތަކުގައިކަމީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް، ކުރިހޯދަމުންދާ ކަމުގެ ހެއްކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅުންހުރި ދާއިރާތަކުގެ ގޮތުގައި ފާހަގަކުރެއްވެނީ، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރުމާއި، މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތުދީ ރިޝްވަތު ހިފަން އުޅުމުގެ އިތުރުން، މާރާމާރީއާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ޓެރަރިޒަމާއި، އެފަދަ އެހެން ޖަރީމާތަކެވެ. އަދި އާ ޤާނޫނުއަސާސީއާއެކު އުފެދިގެން އައި މިނިވަން މުއައްސަސާތަކުގެ ތެރޭގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން ހިމެނިފައިވަނީ، އެހެން އެތަކެއް ދާއިރާތަކާ ގުޅުން ހުރެގެން ކުރައްވާ ޤައުމީ ފެންވަރުގެ ޚިދްމަތްތައް އެކުލެވިގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި، ޤައުމެއް ކުރިއަށް ދިޔުމަށްޓަކައި ނުނިމިހުރި މަސައްކަތްތަކެއް މާޒީގެ ތެރޭގައި ނުބަހައްޓަވައި، ކުރިމަގު ރަނގަޅު ކުރުމަށްޓަކައި އެމަސައްކަތްތައް ނިންމެވުމަކީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް މަޤްޞަދު ކަމުގައި ވިދާޅުވެފައިވެއެވެ.