ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކާ ސްރީލަންކަން އެއަރލައިންސް ވަނީ ގުޅި ލާމެހިފައި ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ސްރީލަންކަން އެއަރލައިންސްގެ އާ އޮފީހެއް ރާއްޖޭގައި ހުޅުވުމާއި، ރާއްޖޭގައި ހުންނަ ސްރީލަންކަން އެއަރލައިންސްގެ އާ ޖެނެރަލް ސޭލްސް އޭޖެންޓް ކަމަށް، އޭސް ޓްރެވަލްސް ހަމަޖެއްސުމާ ގުޅިގެން، އެކަންކަން ފާހަގަކުރުމަށް ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަދާރަން ޕްރެސްޓީޖް ވާދޫގައި އޮތް މިޙަފްލާގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ހުޅުލޭ އެއަރޕޯޓް 1960ގައި ހުޅުވުނުއިރު، ރާއްޖެއަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ، ކުރީގެ އެއަރ ސިލޯނުގެ ފްލައިޓެއްކަން ފާހަގަކުރެއްވިއެވެ.

ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް ކުރާ މިންވަރު، ވޭތުވެދިޔަ އަހަރުތަކުގައި އިތުރުވެފައިވާ ހަލުވިމިނުގެ މައްޗަށް ނައިބު ރައީސް ބައްލަވައިލައްވަމުން، ހަފްތާއަކު ރާއްޖެ އަންނަ ފްލައިޓްގެ ޢަދަދު، މިއަހަރު ތެރޭގައި 30 އަށްވުރެ އިތުރުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމުގައި ވިދާޅުވިއެވެ. އަދި މި އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް، ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް، އަންނަ އަހަރު ތެރޭގައި ފަށާނެކަން ނައިބު ރައީސް ހާމަކުރެއްވިއެވެ.

މިދަތުރުތައް ފެށުން ވެގެންދާނީ، މާލެއިން ބޭރަށް ސްރީލަންކަން އެއަރލައިންސުން ކުރާ ފުރަތަމަ ދަތުރުތަކަށެވެ.