ދެކުނު އޭޝިޔާ ސަރަޙައްދުގައި، ސާކާ ނުލައި ހަމަޖެހިގެން ދިރިއުޅެން އުނދަގޫވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސާކްގެ 26 ވަނަ "ޗާޓަރ ޑޭ" ފާހަގަކުރުމަށް މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި، ސާކްގެ ޗާޓަރ ހަރުދަނާ ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސާކްގެ ޗާޓަރ ހަރުދަނާ ކުރުމަށްޓަކައި ކުރިއްސުރެ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވަމުން، އެޗާޓަރ އިތުރަށް ރަނގަޅު ކުރުމަކީ، މިހާރަށް ކޮންމެހެން ބޭނުންކަމަކަށް ވެފައިވާއިރު، ސާކްގެ މިއަހަރުގެ ޗެއާރޕަރސަންގެ ޙައިޘިއްޔަތުން، އެކަމަށް ކުރެވެމުންދާ މަސައްކަތްތަކަށް ރާއްޖޭގެ ފަރާތުން ޚާއްޞަ ސަމާލުކަމެއްދޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސާކް ޤައުމުތަކުގެ ރައްޔިތުންނަށް ސާކަކީ މުހިންމު އެއްޗަކަށްވާންޖެހޭ ކަމުގައި ވިދާޅުވެ، ސާކް ޤައުމުތަކުގެ ވެރިންނަށް، އެޤައުމުތަކުގެ ރައްޔިތުން އެދޭ ކަންތައްތަކާއި، އެމީހުން ދެކޭ ހުވަފެންތައް ޙާސިލްކޮށްދެވެންޖެހޭނެ ކަމުގައިވެސް ވިދާޅުވިއެވެ.