"ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ. އެ ބޭފުޅަކީ މާފަންނު ލަކީސްޓާރ ޢަލީ ސުލައިމާނެވެ.

ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް ދެއްވައި، އެކަމުގެ ލިޔުން، ޢަލީ ސުލައިމާނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މަތި އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ދައުލަތަށާއި، ރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ޢަލީ ސުލައިމާނު ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތައް ފާހަގަކުރެއްވިއެވެ. އަދި ޚާއްޞަ ގޮތެއްގައި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ރާއްޖެއަށް ގެނެސްދިނުމަށްޓަކައި ޢަލީ ސުލައިމާން ކޮށްދެއްވި މަސައްކަތްތައް، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޢަލީ ސުލައިމާނުގެ ޤައުމީ ޚިދްމަތްތައް ފެށިގެން އައީ، 1945ގެ އަހަރުތަކުގެ ތެރޭގައި، ވައިކަރަދޫގެ މުދިންކަމާ ހަމައިންނެވެ. އޭގެފަހުން ވައިކަރަދޫގެ ކަތީބުކަމާއި، ހދ. އަތޮޅުވެރިކަން ކުރައްވާފައި ވެއެވެ. މި މުއްދަތުގެ ތެރޭގައި އަތޮޅުކޮމިޓީގެ ޙަރަކާތްތައް ފެށުނީއްސުރެ، އަތޮޅުވެރިކަމާ ހަމައަށް ކޮމިޓީގެ ހުރިހާ ޙަރަކާތްތަކެއް ބަލަހައްޓަވަމުން ގެންދެވީ، ޢަލީ ސުލައިމާނެވެ. ޢަލީ ސުލައިމާނު ސަރުކާރުގެ ޚިދްމަތުގެ ތެރޭގައި ހދ.އަތޮޅުފިހާރައިގެ މެނޭޖަރުކަންވެސް ކުރައްވާފައިވެއެވެ. ގާތްގަނޑަކަށް 33 އަހަރު އޭނާ ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެއެވެ.

ޢަލީ ސުލައިމާނަކީ، ރައްޔިތުންގެ މަޖީލީހުގެ ހދ.އަތޮޅުގެ ޢިއްޒަތްތެރި މެންބަރުކަމުގެ މަގާމުވެސް ތިން ދައުރު ފުރުއްވާފައިވާ ބޭފުޅެކެވެ.

ޢަލީ ސުލައިމާނަކީ، ސަރުކާރުގެ ޚިދްމަތުގެ އިތުރުން، އޭނާގެ އަމިއްލަފުޅު ވިޔަފާރީގެ ފައިދާއިން ރަށުގެ ދަރިންގެ ތަޢްލީމަށާއި، އަތޮޅުގެ ދަރިންގެ ތަޢްލީމަށް ގިނަގުނަ ހޭދަތަކެއް ކުރެއްވި ބޭފުޅެކެވެ. ނިކަމެތިންނަށް އެހީތެރިވެދެއްވި ބޭފުޅެކެވެ. ހދ.އަތޮޅު މަދަރުސާގެ ގްރޭޑް 7 ނިންމައި، ގިނަ ކުދިންނަށް ނިޒާމީ ތަޢްލީމުގެ މަގު ބަންދުވެ، ބައެއްކުދިން ބާކީވެ، އަނެއްބައިކުދިން ވަޒީފާއަށް ނިކުންނަންޖެހޭ ޢުމުރު ހަގުކަމުން، މިކުދިންނަށް ރަށުގައި ތިބެގެން ގްރޭޑް 8،9، 10 އާ ހަމައަށް އޭނާގެ އަމިއްލަފުޅު ޚަރަދުގައި ތަޢްލީމު ޙާސިލުކުރުމުގެ މަގު ތަނަވަސްކޮށްދެއްވިއެވެ. މިގޮތުން އަމިއްލަ ޚަރަދުގައި ސްކޫލް އިމާރާތް ކުރައްވައި، ޓީޗަރުންވެސް އަމިއްލަ ޚަރަދުގައި ހޯއްދެވިއެވެ. ޢަލީ ސުލައިމާނަކީ ރަށާއި އަތޮޅުގެ ތަޢްލީމަށްވެސް ބޮޑު އެހީތެރިކަމެއް ވެދެއްވަމުން ގެންދެވި ބޭފުޅެކެވެ. ވައިކަރަދޫގެ ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވައި، ރަށުގެ ހުކުރުމިސްކިތުގެ ގޯތިތެރޭގައި 15000 ލީޓަރުގެ ފެން ރައްކާކުރެވޭނެ 9 ފެންތާނގީ ބަހައްޓަވައިދެއްވިއެވެ. ވައިކަރަދޫއާއި އެހެން ރަށްރަށުގެ ރައްޔިތުންނަށް ވައިކަރަދޫ ބަނދަރުން ތެޔޮ ލިބޭނެ އިންތިޒާމުވެސް އޭނާ ހަމަޖައްސަވައިދެއްވިއެވެ.

ޢަލީ ސުލައިމާނަކީ، ރަށާއި އަތޮޅުގެ ކްލަބް ޖަމްޢިއްޔާތައް ހިންގުމަށް މާލީ އެހީތެރިކަން ދެއްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.