އެއްއަތުން އަނެއް އަތަށާއި، އެއްތަނުން އަނެއް ތަނަށް މަޢުލޫމާތު ބަދަލުކުރެވުމަކީ، ޤައުމީ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް ނެޓްވަރކެއް އެޅުމަށްޓަކައި، ޖަޕާނުގެ އެން.އީ.ސީ ކުންފުންޏާ ޙަވާލުކުރައްވައިގެން ދިރާގުން ކުރިއަށްގެންދަވާ މަޝްރޫޢު، ހދ. ކުޅުދުއްފުށީގައި އިފްތިތާޙް ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު އަޅަން ފެށޭ ސަބްމެރިން ކޭބަލްގެ ސަބަބުން، ރާއްޖެއަށް އަންނާނެ ބޮޑެތި ބަދަލުތައް ވިސްނިވަޑައިގަންނަވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ މާ ފަސޭހަކޮށް، މާރަނގަޅަށް، މާ އަވަހަށް މަޢުލޫމާތު ލިބެމުންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޓަނެޓް ސްޕީޑް ލަސްވުމަކީ، މުވާޞަލާތުގެ ފުރިހަމަ ބޭނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުހިފިވާ އެއް ސަބަބު ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން މަޢުލޫމާތު، އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވުން ލަސްވެ، ކަންކަން ނުކުރެވި، މަޢުލޫމާތު ރަނގަޅަށް ނުލިބުމުން، މުޅި ނިޒާމް އެކީގައި ފެއިލްވެގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް ނެޓްވަރކް ސިސްޓަމަކީ، ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ކަނޑު އަޑިން އަޅާ ކޭބަލަކުން، މުވާޞަލާތީ ގޮތުން، ރާއްޖޭގެ ރަށްތައް ގުޅާލާނެ ނިޒާމެކެވެ. މިމަޝްރޫޢު އިފްތިތާޙް ކުރެވުނީ، ކަނޑުއަޑިން އަޅާފައިވާ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް، ކުޅުދުއްފުށީ ގޮނޑުދޮށުން އެއްގަމަށް ދަންމަވާލެއްވުމުންނެވެ. މިގޮތުން، މިކޭބަލް ދަންމަވާލެއްވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަން ޢާދިލް ސަލީމާއި، ދިރާގުގެ އިސް ބައެއް ބޭފުޅުންނެވެ.