މަސްތުވާތަކެތިން މުޖްތަމަޢު ސަލާމަތް ކުރުމުގައި، އަމިއްލަ ޖަމާޢަތްތަކުގެ އެހީ ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޮރ ވިމެންސް އެގެއިންސްޓް ޑްރަގްސް (ސްވަޑް)ގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރޭ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ބޭއްވެވި ޚާއްޞަ ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމަސައްކަތަކީ ސަރުކާރުން އެކަނި ކުރައްވާ މަސައްކަތަކަށްވެގެން ނުވާނެ ކަމަށާއި، މަސްތުވާތަކެތިން ޤައުމު ސަލާމަތް ކުރެވޭނީ، ސަރުކާރާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެން، ވަރަށް ގާތުން މަސައްކަތްކޮށްގެން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ކުދިންނަށް ދޭންޖެހޭ ޞިއްޙީ ފަރުވާ ދިނުމަށްފަހު، މިކުދިން އަނބުރާ މުޖްތަމަޢަށް ގެނައުމަށް ކުރެވޭ ބުރަ މަސައްކަތުގެ ބޮޑުބައެއް އަދާކުރަމުން ގެންދަނީވެސް އަމިއްލަ ޖަމާޢަތްތަކުންކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެއްޗާ ގުޅިފައި ހުރި ނުރައްކާތެރި ބަދު އަޚްލާޤީ ކަންތައްތަކެއް ރާއްޖޭގައި ހިނގާ ކަމަށް ޝައްކުކުރެވޭ ކަމަށާއި، މިއީ ޙަޤީޤަތަކަށް ވެއްޖެނަމަ، ރާއްޖޭގައި އެއިޑްސް ފެތުރުމުގެ ނުރައްކާ ވަރަށްބޮޑުވެގެން ހިނގައިދާނެ ކަމަށް ވިދާޅުވިއެވެ. މިހާރު ކުރަމުންދާ ސަރވޭގެ ނަތީޖާ ލިބުމުން، މިކަމުގެ އިތުރު މަޢްލޫމާތު ލިބޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.