ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޗާޕްކުރެއްވި "ދިވެހިބަސް ފޮތް" ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ނެރުއްވައިދެއްވައިފިއެވެ. މި ފޮތް ނެރުއްވައި ދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު އެ ޔުނިވަރސިޓީގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އެއްވެސް ޤައުމެއްގައި ވާހަކަދައްކައި އުޅޭ ބަހެއްގެ ހުރިހާ ބަސްތަކެއް އެކުލަވާލެވިގެން ފޮތެއް ނެރުމަކީ، ވަރަށް ތާރީޚީ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ބަސް ކޮމިޓީގެ ބޭފުޅުން ކޮށްދެއްވި ބުރަ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެ ހުރިހާ ބޭފުޅުންނަށް ނައިބު ރައީސް ޝުކުރުއަދާކުރެއްވިއެވެ. މިއީ، ދިވެހި ޤައުމަށް އެބޭފުޅުން ކޮށްދެއްވި ވަރަށްބޮޑު ޚިދްމަތެއް ކަމަށާއި، އެކަމަށްޓަކައި މި ޤައުމު އެބޭފުޅުންނަށް އަބަދުވެސް ޝުކުރުވެރިވާނޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކޮންމެ ޤައުމެއްގައިވެސް ވާހަކަދެކެވޭ ބަހަކީ، އެބައެއްގެ ދިރިއުޅުން އެބަހަކުން ދައްކައިދޭ އެއްޗެއް ކަމަށާއި، ބަހަކީ، އަބަދުވެސް ބަދަލުވަމުންދާ އެއްޗެއްކަމަށް ވިދާޅުވިއެވެ. އެ ގޮތުން ބަހުގެ ތެރެއަށް އާ ބަސްތައް އައުމާއި، ބޭނުންކުރަމުންގެންދާ ބައެއް ބަސްތައް އުވިގެން ދިޔުމަކީ، ބަހުގެ ޒާތުގައި ހިމެނިގެންދާ ކަމެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން ދިވެހިބަހުގައި ބޭނުންކުރަމުންގެންދާ ބަސްތައްވެސް ދަނީ ބަދަލުވަމުން ކަމަށާއި، މި ބަދަލުތައް އަންނަމުންދާއިރުގައި ދިވެހި ބަހުގައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ބަސްތަކެއްވެސް ހުރެދާނެކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ބަސްދިރުވުމަށް މަސައްކަތްކުރާބަޔަކު، ބަހުގައި އަބަދު ބޭނުންކުރަމުން އަންނަބަސްތައް ދެމެހެއްޓޭތޯ ސަމާލުކަން ދޭން ޖެހޭނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ޚާއްޞަކޮށް ބަހުގައި ބޭނުންކުރަމުން އަންނަ ދުވަސްވީ ބަސްތައް ހޯދައި ދިރާސާކޮށް ބަސްފޮތުގައި ހިމެނުއްވުމަކީވެސް ވަރަށް މުހިންމު ކަމެއްކަން ނައިބުރައީސް ބަޔާންކުރެއްވިއެވެ.

ވާހަކަދެއްކުމުގެ ތެރެއަށް ބަހެއް ތަޢާރުފުވެ، އެބަސް ބޭނުން ނުކުރުމާއި ކުރުން ބިނާވެފައި އޮންނަނީ ތަފާތު ކަންތައްތައްތަކެއްގެ މައްޗަށް ކަމަށާއި، އޭގެ ތެރެއިން އެއްކަމަކީ، ބަހުގެ ހަމަތަކަށް ފަސޭހައިން ފެތުން ކަމަށާއި، އަނެއް ކަމަކީ، ބަހުގެ އަހުލުވެރިންގެ ދޫތަކަށް ފަސޭހަ ބަހަކަށްވުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިރިއުޅުމުގެ ކަންތައްތައް ބަދަލުވަމުން ދިޔަދިޔަހެން، އަދި ދިރާސާކުރުމާއި، ހޯދުމާ މިކަންކަން އިތުރުވަމުން ދިޔަދިޔަހެން، އާ ބަސްތައް ތަޢާރުފުވެގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ.