ހިޖްރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. އެމަނިކުފާނު މި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހިޖްރީ އާ އަހަރަކާ އަޅުގަނޑުމެން ކުރިމަތިލާއިރު، ކީރިތި ރަސޫލާ ކުރެއްވި މަތިވެރި ހިޖްރައިގެ މަތިން ހަނދާންކޮށް، އަޅުގަނޑުމެންގެ މެދުގައި އޮންނަންވީ އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރައްވައި ވަރުގަދަ ކުރެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އެކިކަންކަމުގައި އެންމެންގެ ޚިޔާލު އެއްގޮތްނުވާނެކަން އަޅުގަނޑުމެން އަބަދުވެސް ހަނދާން ބަހައްޓަންޖެހޭނެ ކަމަށާއި، އެހެން ނަމަވެސް، ޚިޔާލު ތަފާތުވުމަކީ، އަޅުގަނޑުމެންގެ މެދުގައި އުފެދިފައިމިވާ އެއްބަނޑުއެއްބަފާ ކަމުގެ ގުޅުމަށް އެއްވެސްކަހަލަ ނޭދެވޭ އަސަރެއްކުރާ ކަމެއް ކަމަށް ވެގެނެއް ނުވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު ނިންމަވާލެއްވީ، މި ފެށުނު ހިޖްރީ އާ އަހަރަކީ، ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންނަށް ފާގަތި އަހަރެއް ކަމުގައި މާތްރަސްކަލާނގެ ލެއްވުން އެދިވަޑައިގެން ދުޢާ ކުރައްވަމުންނެވެ.