بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


މިއަދަކީ 25 ނޮވެމްބަރ 2011 ވީ ހުކުރު ދުވަސް. މިއަދަކީ، އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ ނައްތާލުމަށް އަހަރީ ގޮތެއްގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަސްވެސްމެ. މިއަދުން ފެށިގެން 16 ދުވަސް ވަންދެން މިކަމާ ގުޅޭ ޙަރަކާތްތެރިކަން ކުރިއަށް ނެރެ، ހިންގުން މިވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެށިފައި.

އަންހެނުންނަށް ކުރެވޭ ހާނިއްކައާއި، އަނިޔާއާއި، އިންސާނީ ޙައްޤުތަކާމެދު ހޭލުންތެރި ކުރުވުމަށް، ބައިނަލްއަޤްވާމީ ގޮތުން ޙަރަކާތްތައް ހިންގޭތާ ވިއްސަކަށް އަހަރުވެއްޖެ. ޤައުމީ ފެންވަރުގައި ބެލިފައިވާ ދިރާސާއެއްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދިވެހި އަންހެނުންގެ ތެރެއިން ކޮންމެ ތިން އަންހެނުންކުރެ އެކަކީ، އޭނާގެ ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި، ޖިސްމާނީގޮތުން ނުވަތަ ޖިންސީގޮތުން ހާނިއްކައާއި އަނިޔާ ތަޙައްމުލް ކޮށްފައިވާ އަންހެނެއް. އެހެންކަމުން، ޒަމާންވީ އިޖްތިމާޢީ މި ބޮޑު މައްސަލައަށް ރައްޔިތުން ހޭލުންތެރިކުރުވުމަށްޓަކައި، "ތިނަކުން އެކެއް"ގެ ޝިޢާރުގެ ދަށުން ޖިންސީ ހަމަހަމަކަމުގެ ދާއިރާތަކާމެދު ވަކާލާތުކުރާނެ ބަޔަކު ނުވަތަ ޖެންޑަރ އެޑްވޮކަސީ ވަރކިންގ ގްރޫޕެއް، ތަފާތު މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. މިއީ، މުޅިންވެސް އަމިއްލަ ފަރާތްތައް ކަމުގައިވާތީ، އެފަރާތްތަކަށް އަޅުގަނޑު ހިތްވަރުދީ ޝުކުރު ދަންނަވަން.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަންހެނުންގެ ދަރަޖަ، ސާކުގެ އެހެން ޤައުމުތަކާ އަޅާބަލާއިރު މަތިކަމުގައި ދެކެވޭ ނަމަވެސް، ދިވެހިރާއްޖޭގެ މުހިންމު ދާއިރާތަކުގައި އަންހެނުން އިސްވެ ހަރަކާތްތެރިވާ މިންވަރު، ސާކުގެ އެހެން ޤައުމުތަކާ އަޅާބަލާއިރު، ނިސްބަތުން ވަރަށްދަށް. މިސާލަކަށް ދަންނަވާނަމަ، ދިވެހިރާއްޖޭގައި ވަޒީފާނެތި 24 އިންސައްތަ އަންހެނުން ތިބޭއިރު، އަވަށްޓެރި ސްރީލަންކާގައި މިޢަދަދު ހުރީ 8 އިންސައްތައިގައި. ސާކުގެ ހުރިހާ ޤައުމުތަކާ އަޅާބަލާއިރުވެސް، މިކަމުގައި އެންމެ ދަށުގައި މިއަދު މިއޮތީ ދިވެހިރާއްޖެ. ސިޔާސީ މައިދާނަށް ބަލާއިރު، އަފްޣާނިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ޙިއްޞާ 28 އިންސައްތައިގައި އޮތްއިރު، މި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ޙިއްޞާ އޮތީ 7 އިންސައްތައިގައި.

ކޮންމެ ޤައުމެއްގެ ތަރައްޤީގައިވެސް އަންހެނުންގެ ބައިވެރިވުމާއި އެކަމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބެވޭނީ، މިފަދަ ފަރަޤުތަކާއި ތަފާތުތައް ނައްތާލެވިގެން. ރާއްޖޭގެ ޤާނޫނުއަސާސީން ލިބިދޭ ހަމަހަމަކަން، އަންހެނުންނާއި އަދި ފިރިހެނުންގެ ތެރޭގައިވެސް ޤާއިމް ކުރެވޭނީ މިފަދަ ފަރަޤުތައް ނައްތާލެވިގެން.

ޤައުމެއްގެ ތަރައްޤީގެ އެންމެ މުހިންމު ވަސީލަތަކީ، އެޤައުމެއްގެ މީހުން. އަދި ކޮންމެ ޤައުމެއްގެވެސް ދެބައިކުޅައެއްބައިހާ މީހުންނަކީ އަންހެނުން ކަމަށްވާއިރު، އެ ކަނބަލުން ބާރުވެރިވެލައްވައި، ޤައުމުގެ ކުރިއެރުމުގައި ހުރިހާ ގޮތަކުން ފުރިހަމައަށް ބައިވެރިވެލެއްވުމަކީ، ކޮންމެ ޤައުމެއްގައިވެސް ކުރިއެރުން ހަލުވިވެ، ފާގަތިވެގެންދާނެ ކަމެއްކަން ކަށަވަރު.

ދިވެހިރާއްޖޭގެ ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނީ، 2010 ވަނަ އަހަރުގެ އޮކްޓޯބަރ 11 ވަނަ ދުވަހު. ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު މަޖިލީހުގެ ތަޅުމަށް ބަލައިގަނެ އިތުރަށް މަޝްވަރާ ކުރުމަށްޓަކައި 11 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކަށް ފޮނުވުނީ 2010 ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހު. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އަޅުގަނޑު އެދެނީ މިބިލު، ވެވަޑައިގެންނެވި އެންމެ އަވަހަކަށް ފާސްކޮށްދެއްވުން.

އަންހެނުން، އެމީހުންނަށް ކުރިމަތިވާ ހުރަސްތައް ގިރާކޮށް، އެކިބާވަތުގެ ހާނިއްކައާއި އަނިޔާއިން ސަލާމަތްވުމުގެ ހިތްވަރު ލިބިގަންނަނީ، އެހެން މީހުންގެ އަޅާލުމުން. އެހެންކަމުން، މިއަދު އަމިއްލަ ފަރުދުންނާއި ޖަމާޢަތްތައް އިސްނަންގަވައިގެން، މިކަމުގައި އެ ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ޙަރަކާތްތައް އަޅުގަނޑު ފާހަގަކޮށް، އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި އެމަސައްކަތްތަކުގައި ބަރަކާތް ލައްވައި، ކާމިޔާބީ އެކުލެއްވުން އެދި އަޅުގަނޑު ދުޢާ ކުރަން.

އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ ދެތިން ހަތަރު ދުވަހުގައި ރާއްޖޭގެ ދެކުނުގެ ޚާއްޞަކޮށް، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކޮށްފައިވަނީ، މީގެކުރީގައި ޢާންމު ގޮތެއްގައި ވިއްސާރަ ވެހިފައިވާ މިންވަރަށްވުރެ މާބޮޑު ދަރަޖައަކަށް. ދުނިޔޭގެ މޫސުމަށް ބަދަލުތަކެއް އަންނަ ކަމަށް ރާއްޖެއިންނާއި އަދި ދުނިޔޭގެ އެހެން އެންމެހާ ޤައުމުތަކުން ފާހަގަކުރަމުން އަންނަތާ ދުވަސްތަކެއްވެއްޖެ. މިމަސައްކަތްތަކަށް އަޅުގަނޑުމެންނަށް ކާމިޔާބީއެއް ހޯދުމުގައި ރާއްޖޭގެވެސް އެންމެހާ ފަރާތްތައް އެއްބާރުލައި، އެކައްޗެއް ބުނެ، މިކަމުގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ސިޔާސީ ފުރްޞަތުތައް ހޯދައި، އެކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅުންއަރާ ބާވަތުގެ މަޢްލޫމާތު ފެތުރުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، މި ރާއްޖޭގެ ތަރައްޤީއަކަށްވެސް އަދި މި މުޅި ދުނިޔެއަށް ދިމާވެފައިވާ މުހިންމު މައްސަލައާ ގުޅޭގޮތުން އަޅުގަނޑުމެންނަށް އެޅޭ ރަނގަޅު ފިޔަވަޅެއް ނޫން. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ހުރިހާ ސިޔާސީ ފަރާތްތަކުގެ ކިބައިން އެދެން، ރައްޔިތުންނަށް މަޢްލޫމާތު ފޯރުކުރުމުގައި، ޞައްޙަ މަޢްލޫމާތު ހެޔޮގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑުގެ ހައްތަހާވެސް ބޭނުމަކީ، އަޅުގަނޑުމެންގެ ހައްތަހާވެސް އުންމީދަކީ، މި ކުޑަކުޑަ ދިވެހިރާއްޖޭގެ ފަރާތުންވެސް ދުނިޔެއަށް ދިމާވެފައިމިވާ ބޮޑު މައްސަލައަށް ޙައްލެއް ހޯދުމުގައި، އަޅުގަނޑުމެން އެންމެން އެއްބާރުލައި، އަޅުގަނޑުމެން އެންމެންނަށް އެކަމުގައި ބައިވެރިވެވޭނެ ގޮތްތަކެއް ހޯދުން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް މިމަސައްކަތުގައިވެސް، އަޅުގަނޑުމެން އެހެން މަސައްކަތްތަކުގައި މި ހޯދާ ކާމިޔާބުތަކެކޭ އެއްފަދައިން، ކާމިޔާބު އަޅުގަނޑުމެންނަށް ލިބޭނެ.

މިރެއަކީ، ހިޖުރީ އައު އަހަރު ފެށޭ ރޭ. ހިޖުރީ އައު އަހަރެއް ފެށޭ މިއުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެއް.

ހިޖުރީ އާ އަހަރު ގުޅިފައިވަނީ، މާތްރަސްކަލާނގެ މި އުންމަތަށް ކައުކުރެއްވި މުޙަންމަދު މާތް ނަބިއްޔާ މައްކާއިން ނުކުމެވަޑައިގެން، މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއާ ކަމަށްވުމާއެކު، މި ހާދިސާ ރަމްޒުކޮށްދެނީ، އިސްލާމީ އުންމަތުގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ގުޅުން.

އެހެންކަމުން، ހިޖުރީ އާ އަހަރަކާ އަޅުގަނޑުމެން ކުރިމަތިލާއިރު، މިމަތިވެރި ހިޖުރައިގެ މަތިން ހަނދާންކޮށް، އަޅުގަނޑުމެންގެ މެދުގައި އޮންނަންވީ އެއްބައިވަންތަކަމުގެ ގުޅުން، އިތުރަށް ހަރުދަނާ ކުރައްވައި ވަރުގަދަ ކުރެއްވުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިއަދު އިޚްލާޞްތެރިކަމާއެކު ދަންނަވަން. އެކިކަންކަމުގައި އަޅުގަނޑުމެންގެ އެންމެންގެ ޚިޔާލު އެއްގޮތްނުވާނެކަން އަޅުގަނޑުމެން އަބަދުވެސް ހަނދާން ބަހައްޓަންޖެހޭނެ. އެހެންނަމަވެސް، ޚިޔާލުތަފާތުވުމަކީ، އަޅުގަނޑުމެންގެ މެދުގައި އުފެދިފައިމިވާ އެއްބަނޑުއެއްބަފާކަމުގެ ގުޅުމަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ކުރާ ކަމެއް ކަމަކަށް ވެގެނެއްނުވާނެ. މިކަން ރާއްޖޭގެ ލޮބުވެތި ރައްޔިތުން އަބަދުވެސް ހަނދުމަފުޅު ކުރައްވަންވާނެ.

އަޅުގަނޑުގެ ދުޢާއަކީ، މި ފެށުނު ހިޖުރީ އާ އަހަރަކީ، ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންނަށް ފާގަތި އަހަރެއް ކަމުގައި މާތްރަސްކަލާނގެ ލެއްވުން.

އަޅުގަނޑު އެދެނީ، އަޅުގަނޑުމެން އެންމެންނަށް މިއަދަށްވުރެ ފާގަތި މާދަމައެއް ދެއްކެވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކުރެއްވުން.

والحمد للّـه. والسّـلام عليـكم.