ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނިލަންދެއަތޮޅު އުތުރުބުރީ ބިލެއްދުއަށް ވަޑައިގެން، އެރަށުގެ ތަރައްޤީގެ ކަންކަމާއި ޢާންމު ޙާލަތު މިއަދު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ބިލެތްދޫ މަސްވެރިންގެ ގޮތްޕަށާއި، ބިލެތްދޫ ހެލްތް ސެންޓަރަށް ވަޑައިގެންނެވިއެވެ. އަދި ބިލެތްދޫ ސްކޫލަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވައި، ސްކޫލް ހިންގުމަށް ދިމާވާ ދަތިތަކާއި، ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރެވޭނޭ ގޮތްތަކާބެހޭގޮތުން ސްކޫލުގެ ވެރިންނާއި މުދައްރިސުންނާ ޚިޔާލު ބަދަލުކުރެއްވިއެވެ.

ބިލެތްދޫ ސްކޫލްގެ މުދައްރިސުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ޙަޤީޤީ ތަރައްޤީއަކީ، ރައްޔިތުން ތަރައްޤީވުން ކަމަށާއި، ރައްޔިތުން ތަރައްޤީ ކުރުމަށްޓަކައި ރަނގަޅު ތަޢްލީމެއް ލިބެންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ތަޢްލީމީ ސިޔާސަތު ބިނާވެފައި އޮތީ، ތަރައްޤީވެފައިވާ ރައްޔިތެއް އުފެއްދެވުމުގެ މައްޗަށް ކަމަށާއި، މި ސިޔާސަތުގައި ހިމެނެނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ދަރިވަރުންނަށް މަތީ ތަޢްލީމެއް ލިބުމުގެ ފުރްޞަތު ފަހިކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބިލެތްދުއަކީ، ސަރުކާރުން މިހާރު ހިންގަވާ މަޝްރޫޢުތަކުގެ މަޢްލޫމާތާއި، ކުރިއަށް ރާއްވަވާފައިވާ އަދި ފެށްޓެވުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މަޢްލޫމާތު، ރައްޔިތުންނާ ޙިއްޞާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިލަންދެއަތޮޅު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގައި، ވަޑައިގެންނެވި ހަތަރުވަނަ ރަށެވެ.