ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް ނަވަނެތަމް ޕިއްލޭ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ހުރި އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތަކާއި، އެކަންކަން ޙައްލުކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާބެހޭގޮތުން އ.ދ.ގެ ހިއުމަން ރައިޓްސް ހައިކޮމިޝަނަރަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ. އަދި އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގައި ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ އެހީ ރާއްޖެއަށް ވަރަށް ބޭނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އ.ދ.ގެ ހިއުމަން ރައިޓްސް ހައިކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތަކުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރަމުންގެންދާ ދައުރު ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ތަޢުރީފް ކުރެއްވިއެވެ. އަދި ދެކުނު އޭޝިޔާ ސަރަޙައްދުގައި އިންސާނީ ޙައްޤުތައް ހިމާޔަތްކުރެއްވުން އިތުރަށް ހަރުދަނާކުރުމަށް، ނިމިގެންދިޔަ ސާކް ސަމިޓުގައި ކުރެވުނު މަސައްކަތްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.