ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ އިތުރަށް ފުޅާކުރެއްވުމަށާއި، ދިވެހިންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމަށްޓަކައި މިހާރަށް އެންމެ ބޭނުންތެރި ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުން ގެންދަވާކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އޮސްޓްރޭލިޔާ ސަރުކާރުން ކޮންމެ އަހަރަކު ދެއްވާ އޮސްއެއިޑް ސްކޮލަޝިޕް މިއަހަރު ޙާޞިލްކުރި ފަރާތްތަކަށް އޮސްޓްރޭލިއާ ސަފީރު ރޭ ދެއްވި ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޓްރޭޑަރސް ހޮޓެލްގައި އޮތް މިޙަފްލާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މިހާރު ރާއްޖޭގައި ހުރި ތަޢުލީމީ މަރުކަޒުތަކުގެ ހިންގުމާއި، ތައުލީމީ ފެންވަރު ރަނގަޅުކުރުމާއި، ރާއްޖޭގައި އެދެވޭ ފެންވަރެއްގެ ތަޢުލީމު ފޯރުވައިނުދެވޭ ދާއިރާތަކުން ދިވެހިން ތަމްރީންކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމުގެ މުހިންމުކަމާއި، މަތީ ތަޢުލީމާބެހޭ ޤާނޫނެއް އެކުލަވައިލުމާއި، ކިޔަވާ ކުދިންނަށް ފައިސާގެ އެހީ ފޯރުކޮށްދެވޭން ރަނގަޅު ނިޒާމެއް ޤާއިމްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ލިބިފައިވާ ކުރިއެރުންތަކުގެ މައްޗަށް ނައިބު ރައީސް ބައްލަވައިލައްވަމުން، ސާނަވީ އިމްތިޙާނުގައި 5 މާއްދާއަށްވުރެ މަތިން ފާސްވާ ކުދިންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި މަތީ ތަޢުލީމުގެ ދާއިރާ ވަރަށް ބާރަށް ކުރިއަރަމުންދާކަމަށް ވިދާޅުވެ، ރާއްޖޭގައި ޙާޞިލްކުރެވިދާނެ މަތީ ތަޢުލީމުގެ ފުރުޞަތު އެކަމުގެ ސަބަބުން އިތުރު ދަރިވަރުންތަކަކަށް ތަނަވަސްވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެއަކީ މެދު ފަންތީގެ ޤައުމަކަށްވުމާއެކު، ރާއްޖޭގައި މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ތަނަވަސްވެފައިވާ ކުދިންނާ އަޅާ ބަލާއިރު، އިޖްތިމާޢީ އެކިއެކި މައްސަލަތަކުގައި ކުށްވެރިވާ ކިޔަވާ އުމުރުގެ ކުދިންގެ އަދަދު އިތުރުވެފައިވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.
އޮސްޓްރޭލިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބިދޭ އޮސްއެއިޑް ސްކޮލަޝިޕް މިއަހަރު 42 ކުއްޖަކު ޙާޞިލްކޮށްފައިވެއެވެ.