ކުޑަކުދިން ރައްކާތެރިކޮށް، އެކުދިން ބޮޑެތި ވަންދެން ދޭންޖެހޭ އެހީތެރިކަން، ދިނުމަކީ، ބައިނަލްއަޤްވާމީ އަދި ޤާނޫނީގޮތުން އަޅުގަނޑުމެން އެންމެންނަށް ލާޒިމު ކަމެއް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، މާދަމާއަކީ، ކުޑަކުދިންނަށް ކުރާ އެކި އަނިޔާތަކުން އެކުދިން ހިމާޔަތް ކުރުމަށް، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަސް ކަމަށްވުމާއެކު، ދުވަހުގެ މުނާސަބަތުގައި "ކޮންމެ އިހުމާލަކީ އަނިޔާއެއް" މި ޝިޢާރުގެ ދަށުން މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކުޑަކުދިންނަށް ކުރާ އަނިޔާތަކުން އެކުދިން ސަލާމަތް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ދުވަހެއް ކަނޑައަޅާފައިވާއިރު، ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ކަމާގުޅޭ ދާއިރާތަކާ ގުޅިވަޑައިގެން، މި ދުވަސް ފާހަގަކުރައްވާ ކަމަށްޓަކައި، އެ ކޮމިޝަންގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ހުރިހާ ޤައުމަކުން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުއާޙަދާ "ކޮންވެންޝަން އޮފް ދަ ރައިޓްސް އޮފް ދަ ޗައިލްޑް"ގެ މުހިންމުކަން ފާހަގަކުރައްވަމުން، ރާއްޖެވެސް މި ކޮންވެންޝަންގައި ސޮއިކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދަކީ މައިންބަފައިންނާއި، ސްކޫލްތަކުގެ ޓީޗަރުންނާއި އަދި ޢާންމު ރައްޔިތުންނަށް އަދި މުޖްމަތަޢުގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތަކާމެދު ވިސްނާލައި ފިކުރުކުރަން އެންމެ ރަނގަޅު އެއްދުވަސްކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއީ، ސަރުކާރުގެ ފަރާތުންނާއި، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތެއް ކަމަށްވުމާއެކު، ހުރިހާ ފަރާތްތަކަކުންވެސް ކުޑަކުދިންނާ ދޭތެރޭ ޚާއްޞަ ސަމާލުކަމެއް ބެހެއްޓެވުމަށް ނައިބު ރައީސް އިލްތިމާސް ކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކުޑަކުދިންނަށް ދޭންޖެހޭ ލޯތްބާއި އަޅާލުން، އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި މައިންބަފައިން، އެކުދިންނަށް އަޅާލުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަދި ކުޑަކުދިންނަށް ކުރިމަތިވެދާނެ ގޯނާތަކާ ބެހޭގޮތުން އެކުދީން ހޭލުންތެރި ކުރުވައި، އެވާހަކަތައް ދެއްކުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ހުރިހާ ބޭފުޅުންވެސް ކުޑަކުދީންނާ ވާހަކަ ދައްކަވަން ދަސްކުރައްވައި، ވާހަކަ ދެއްކުމުގެ ފަސޭހަކަމުގެ ދޮރުތައް، އެކުދިންނަށް ހުޅުވާލަދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

މިއަދު މި ބޭއްވެވި ކުޑަކުދިންގެ ހަވީރު ރާއްވަވައި އިންތިޒާމް ކުރައްވާފައިވަނީ، ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ކެއަރ ސޮސައިޓީއާއި، އެޑްވޮކޭޓިންގ ރައިޓްސް އޮފް ޗިލްޑްރަންއާއި، ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އާއި، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި، މޯލްޑިވްސް ރެޑް ކްރެސެންޓާއި، ޓައިނީ ހާޓްސްއާ ގުޅިވަޑައިގެންނެވެ. މި ދެންނެވި އިދާރާތަކުންނާއި ޖަމްޢިއްޔާތަކުން ކުޑަކުދިންނާ ގުޅޭ ތަފާތު ޙަރަކާތްތައް ހިމެނޭ ސްޓޯލްތައް، މިހަވީރުގައި ބަހައްޓާފައިވެއެވެ.