ރައްޔިތުންގެ އުންމީދުތަކާއި ހުވަފެންތައް ބިލާހަކަށްވެދާކަށް ހިލާ ދޫނުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، މިރޭ އައްޑޫސިޓީ، ސިޓީ ސްކެއަރގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެއްދެވުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލައްވަމުން، ޚިދްމަތްތަކާއި، ވަސީލަތްތަކާއި، ތަރައްޤީއާއި، ތަނަވަސް ފަހި ދިރިއުޅުމަށް ރައްޔިތުން ކުރައްވާ އުންމީދު، އެމަނިކުފާނު ވެރިކަމުގައި ހުންނެވިހާ ދުވަހަކު ދޫނުކުރެއްވުމަށް ރައްޔިތުންނަށް ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެތައް ޒަމާނެއް ވަންދެން، ވެދާނެ ކަމުގެ އުންމީދެއް ނެތިފައި ތިއްބަވަނިކޮށް، ކަންކަން ލޯމަތިން ފެންނަން ފެށުމުން، ރައްޔިތުން ކުރައްވާ އިޙްސާސްތަކާއި އުންމީދު، އެތައް ގުނައަކުން އިތުރުވާނެކަން ޚުދު އެމަނިކުފާނަށްވެސް އިޙްސާސް ކުރެއްވޭ ކަމުގައި ވިދާޅުވިއެވެ. ނުވާނެއޭ ބުނި އެތައް ކަމެއް ކުރައްވައިފި ކަމަށާއި، އިރާދަކުރެއްވިއްޔާ، އަދިވެސް ކުރައްވާނެކަމަށް ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. [ބޭނުންވަނީ ޖެހިލުންކުޑަ، އާދަޔާ ޚިލާފު، އިޚްލާޞްތެރި ވިސްނުން. ބޭނުންވަނީ މިއަދު ފެންނަން ނެތްތަން ދެކިގެން ތިބެ، އެތަން ހޯދުމަށް ކެތްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ގަދައަޅައި މަސައްކަތް ކުރުން] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައި، ޖުމްހޫރީ ވެރިކަމަކީ ހަމައެކަނި ވެރިކަމަށްޓަކައި، ވެރިކަންކޮށް، ރައްޔިތުން ބިކަކޮށް އެކަހެރި ކުރެވޭނެ ނިޒާމެއް ނޫން ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޖުމްހޫރީ ވެރިކަމެއްގައި، އަހަރަކު ބަނދަރެއް ހަދައިގެން، އަހަރުތައް ބޭކާރެއް ނުކުރެވޭނެއެވެ. ޢަމުދުން ސާފު ފެނާއި، ނަރުދަމާއާއި، ޟަރޫރީ ވަސީލަތްތަކުން ރައްޔިތުން މަޙްރޫމްކޮށްގެން، ޖުމްހޫރީ ވެރިކަމެއް ނުކުރެވޭނެއެވެ. ޖުމްހޫރީ ވެރިކަމެއްގައި، ރައްޔިތަކަށް ބުނެވޭ ބަހަކުން، ކުރެވޭ އިޝާރާތަކުން އޭނާ ހިފައި ހައްޔަރުކޮށް، ކުޑަގޮޅީގައި ލާއިންސާނީ އަނިޔާއެއް ނުދޭނެއެވެ. އަދި ހަމަކަށަވަރުންވެސް ޖުމްހޫރީ ވެރިކަމެއްގައި، ދީނީ ޢިލްމުވެރިން ހިފައި ހައްޔަރުކޮށް އަހުވައެއް ނުދައްކާނެއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ޖުމްހޫރީ ވެރިކަމެއްގައި އުފަންވެ ހެދިބޮޑުވަމުން އަންނަ ޒުވާނުން، އެއްވެސް ފަންނެއް، ހުނަރެއް ނެތް ބޭކާރު ބައެއްގެ ގޮތުގައި ބިތްޖެހި، ބިކަވެ، އެކަހެރިވެ، ދިރިއުޅުމުގެ ފުރްޞަތުތަކުން މަޙްރޫމެއް ނުވާނެ ކަމަށާއި، ޙަޤީޤީ ޖުމްހޫރީ ވެރިކަމެއްގައި، މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ދާނީ ބަންދުވަމުން، ފުރްޞަތުތައް ދާނީ ހުޅުވެމުން ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އައްޑޫސިޓީއާއި ފުވައްމުލަކުން މިހިނދަށް މި ސަރުކާރުން މިދައްކުވައިދެއްވީ، ޙަޤީޤަތުގައި މުޅި ރާއްޖެއާމެދު ސަރުކާރުން ދެކެވަޑައިގަންނަވާ ހުވަފެނުގެ ތަޢުބީރުކަން ފާހަގަކުރެއްވިއެވެ. މިކަމުގައި ސަރުކާރުގެ އަމާޒު ކަސިޔާރެއް ނުވާނެ ކަމަށާއި އަދި ފަހަތަކަށްވެސް ޖެހިވަޑައިނުގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ވަރުބަލިކަމެއްނެތި ތާއަބަދު ކުރަމުންދާނީ ހަމަ އެންމެ ކަމެއް ކަމަށާއި، އެއީ ރައްޔިތުންނަށް ޚިދްމަތްކޮށް، ރާއްޖެ ތަރައްޤީ ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ލިބޭ ކޮންމެ ފުރްޞަތަކީ، ރައްޔިތުންނަށް ލިބޭ ނިޢުމަތަކަށް ހެއްދެވުން އެއީ، އެމަނިކުފާނު ނިސްބަތްވާ ސިޔާސީ ޕާޓީގެ ސިޔާސަތު އޮތްގޮތް ކަމަށާއި، އެއީ އަބަދުވެސް މިސަރުކާރުން ކަން ކުރައްވާނެ ގޮތް ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސާކް ސަމިޓްގެ ޒަރީޢާއިން ލިބުނު ފުރްޞަތުގައި، މިހާ ކުރު މުއްދަތެއްގައި ގެނެވިފައިމިވާ ބޮޑު އިންޤިލާބު ދެކި، އަޅުގަނޑުމެންނަށްވުރެ މާ ކުޅަދާނަ، މާމޮޅު ޤައުމުތައް އެވަނީ އަންތަރީސްވެފައި ކަމަށްވެސް ވިދާޅުވިއެވެ. ބޮޑެތި ބިޔަ މަޝްރޫޢުތައް، ޙައިރާންވާހާ ބާރުމިނުގައި ފުރިހަމަކޮށް ނިންމާލުމުގެ ހުނަރާއި، ފަންނާއި، ކުޅަދާނަކަން ދިވެހިންނަށް ލިބިހުރި މަތީ ދަރަޖަ މިއަދު މިވަނީ ސާބިތުވެފައި ކަމަށާއި، މިހެން ލިބޭ ކޮންމެ ދަނޑިވަޅަކާއި ފުރްޞަތެއްގެ ބޭނުން، ދެންވެސް ސަރުކާރުން ހިއްޕަވާނީ، ހަމަ މިގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއަދު މިސަރަޙައްދުން މިފެންނަ ނަމޫނާ، އިރާދަކުރެއްވިއްޔާ ހަމަ މިގޮތުގައި މުޅި ރާއްޖެއަށް ފަތުރާނުލާނެނަމަ، މިފަހަރުގެ މިސަމިޓް މިސަރުކާރުންވެސް ބޭއްވީހީ ކުރިންވެސް ބޭއްވިގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.