އައްޑޫ ސިޓީގައި ބޭއްވުނު 17 ވަނަ ސާކް ސަމިޓުން މުހިންމު ނިންމުންތަކެއް ނިމިއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ހަވީރު ބޭއްވެވި ސަމިޓް ނިންމުމުގެ ޖަލްސާގައި ސަމިޓްގެ ޗެއަރޕަރސަންގެ ޙައިޘިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މިސަމިޓުގައި ނިމިގެން ދިޔަ މުހިންމު ނިންމުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، ސާކް ޤައުމުތަކުގެ މެދުގައި އޮންނަ ވިޔަފާރިއާއި، ދަތުރުފަތުރާއި، އިޤްތިޞާދީ ކުރިއެރުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް، ސެންސިޓިވް ލިސްޓުގައި ހިމެނޭ އިމްޕޯޓް މުދަލުގެ ޓެރިފް ލައިން 480 އިން 25 އަށް ތިރިކުރުމަށް ސާކުން ނިންމާފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ރެއިލްވޭޒް އެގްރީމަންޓް މުޅިން ނިންމުމަށާއި، މޮޓޯ ވެހިކަލް އެގްރީމަންޓާ މެދު މަޝްވަރާކުރުމަށް ކަމާބެހޭ މާހިރުންގެ ބައްދަލުވުމެއް، އެންމެ އަވަހަށް އޮންނަ މިނިސްޓަރުންގެ ބައްދަލުވުމުގެ ކުރިން އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަލާމަތާބެހޭ މައްސަލަތަކުގެ މައްޗަށް ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ޤުދުރަތީ ކާރިޘާއެއްގައި އަވަސް ފިޔަވަޅު އެޅުމާ ބެހޭގޮތުންނާއި، މިސަރަޙައްދުގައި ކަނޑުގެ ސަލާމަތީ ކަންކަމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް އެއްބަސްވެވަޑައިގެންނެވުނުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހުރިހާ ޤައުމަކުންވެސް، ދައުލަތުގެ އާމްދަނީން ބައެއް އިޢާދަކުރަނިވި ހަކަތައަށް ޚަރަދުކުރުމަށް ނިންމި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަމިޓުގައި މަޝްވަރާ ކުރެވުނު، ހިންގުން ހަރުދަނާކުރުމުގެ މައްސަލައިގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އަދި އަންހެނުން ބާރުވެރި ކުރުވުމަށާއި، ޖިންސުގެ ތަފާތުތައް ނައްތާލުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދެއްކެވިއެވެ. ސާކްގެ ސެކްރެޓޭރިއެޓާއި ސަރަޙައްދީ މަރުކަޒުތައް އިތުރަށް ހަރުދަނާކުރުމަށް ސާކް ލީޑަރުން ނިންމަވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

17 ވަނަ ސާކް ސަމިޓުގެ ނިންމުމުގެ ރަސްމިއްޔާތުގައި، 17 ވަނަ ސާކް ސަމިޓްގެ ޤަރާރު، "އައްޑޫ ޑިކްލެރޭޝަން"ގެ ނަމުގައި ފާސްކުރެވުނެވެ. 18 ވަނަ ސާކް ސަމިޓް ބޭއްވެވުމަށް ނިންމެވީ ނޭޕާލްގައެވެ.

ސާކު ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގެ ފަހުން، ސަމިޓުގެ ޗެއަރޕަރސަންގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، ސަމިޓުން ހާސިލްކުރެވުނު ކާމިޔާބީތަކާއި، ކުރިއަށް ރޭވިފައި ހުރި ކަންކަމާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވިއެވެ.