ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ޝަންގްރިލާ ރިޒޯޓް އެންޑް ސްޕާގައި އޮތް މިބައްދަލުކުރެއްވުމުގައި، މިއަހަރުގެ ސާކް ސަމިޓަކީ، ކާމިޔާބު ސަމިޓަކަށް ހެދުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ސާކް ސަމިޓުގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ، ސާކް ޤައުމުތަކުގެ މެދުގައި ވެވޭ ރެއިލްވޭޒް އެގްރީމެންޓާއި، އިޢާދަކުރަނިވި ހަކަތައަށް ސާކް ޤައުމުތަކުގައި ކުރެވިދާނެ އިންވެސްޓްމަންޓްތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. މީގެއިތުރުން، ރާއްޖެއާއި އަފްޣާނިސްތާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާ ބެހޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މިއަހަރުގެ ސާކް ސަމިޓްގައި އޮބްޒަރވަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާ ޖަޕާނުގެ ފޮރިން ސެކްރެޓަރީއާވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ޖަޕާނު ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި، ޖަޕާންގެ ފޮރިން ސެކްރެޓަރީއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.