އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހްގެ ދެކަނބަލުންނާއި، ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރާޒާ ގިލާނީއާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި، އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި، 17 ވަނަ ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ. އިންޑިޔާގެ ބޮޑުވަޒީރު ވަޑައިގަތީ، މިއަދު މެންދުރުފަހުއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރާއި، އަފްޣާނިސްތާނުގެ ރައީސް ވަޑައިގަތީ، މިއަދު ހަވީރުއެވެ.

އައްޑޫ ސިޓީ ގަމުގެ ވައިގެ ބަނދަރުން މި 4 ބޭފުޅުންނަށް މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީއެވެ.

މިބޭފުޅުން ގަމުގެ ވައިގެ ބަނދަރަށް ފައިބާވަޑައިގަތުމާއެކު، ހަތް ބަޑީގެ ސަލާމެއް އަރުވައި، ދިވެހިރާއްޖެއާއި އެބޭފުޅުންގެ ޤައުމުގެ ޤައުމީ ސަލާމް ކުޅެވުނެވެ. އަދި މިބޭފުޅުންނަށް ގަމުގެ ވައިގެ ބަނދަރުން ޝަރަފުގެ ގާޑެއް އެރުވުނެވެ.