ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސޭއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު އައްޑޫސިޓީ ސްޓޭޓް ހައުސްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް، ވަޑައިގެންދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ސްރީލަންކާ ރައީސަށް ޝުކުރު އަދާކުރެއްވިއެވެ.

17ވަނަ ސާކް ސަމިޓާ ގުޅިގެން ސަރަޙައްދީ އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާބެހޭގޮތުންނާއި، ސްރީލަންކާގެ ފަރާތުން ރާއްޖޭގައި ރިނިޔުބަލް އިންވެސްޓްމަންޓް އެނަރޖީގެ މަޝްރޫޢުތަކެއް ހިންގުމާ ބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ރައީސް ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވަނީ ވަރަށް ޒަމާންވީ ގާތް ގުޅުމެއް ކަމަށާއި، މިގުޅުން ބަދަހިވުމުގެ އެއްސަބަބަކީ، ޒަމާނުއްސުރެ ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ރޮނގުން އޮތް ގާތް ގުޅުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އައްޑޫގެ ތާރީޚަށް ބައްލަވާލައްވަމުން، އައްޑޫގައި އިނގިރޭސިން ހިންގި ރޯޔަލް އެއަރ ފޯސް ބޭސްއަށް އިޝާރާތް ކުރެއްވިއެވެ. އަދި ސްރީލަންކާއިން ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ވެދެއްވާފައިވާ އަދި ދެއްވަމުން ގެންދަވާ އެހީތައް ފާހަގަކުރައްވައި ސްރީލަންކާ ސަރުކާރަށް ރައީސް ޝުކުރުއަދާކުރެއްވިއެވެ. ސްރީލަންކާގެ ކުންފުންޏަކުން އައްޑޫގައި ފްލައިންގ ސްކޫލެއް މިހާރު ހިންގަމުންގެންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.