ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ބުޓާންގެ ބޮޑުވަޒީރު ޖިގްމޭ ތިންލޭއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު އައްޑޫސިޓީ ސްޓޭޓް ހައުސްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް، ބުޓާންގެ ބޮޑުވަޒީރު އައްޑޫސިޓީއަށް ވަޑައިގެންދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ބުޓާނާ ދެޤައުމުގެ ދެމެދުގައިވާ ގާތްގުޅުމާ ބެހޭގޮތުންނާއި، 17ވަނަ ސާކް ސަމިޓާ ގުޅިގެން ސަރަޙައްދީ އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ބުޓާންގެ ބޮޑުވަޒީރު ވާހަކަފުޅު ދައްކަވަމުން، މިފަހަރުގެ ސާކް ސަމިޓުގެ ތީމް "ބިލްޑިން ބްރިޖަސް" އާ ގުޅޭގޮތުން ސަމިޓުގެ ލަނޑުދަނޑިތައް އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކުރެވިދާނެ ގޮތުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މިދިޔަ އަހަރު ބުޓާންގައި ބޭއްވުނު ސާކް ސަމިޓުގެ ކާމިޔާބީއާ ގުޅިގެން، މިފަހަރުގެ ސަމިޓުންވެސް ފުރިހަމަ ނަތީޖާއެއް ނެރެވިދާނެ ކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

ރާއްޖޭގެ ތަރައްޤީއަށް ބޫޓާން ސަރުކާރުން ވެދެއްވިދާނެ އެހީތަކާބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ. އަދި ސާކް ސަމިޓާ ގުޅިގެން ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތާއި، ސާކް ސަމިޓާ ގުޅިގެން އައްޑޫސިޓީއަށް އައި ތަރައްޤީގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ، ބުޓާންގެ ބޮޑުވަޒީރާ ޙިއްޞާ ކުރެއްވިއެވެ.