ތަޢުލީމީ ހުރިހާ ފުރުޞަތުތަކެއްގެ ތެރެއިންވެސް ކުރެހުމާއި ޑިޒައިން ކުރުމުގެ ފުރުޞަތު ކުދިންނަށް ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ސަން ފްރަންޓް ޕްރައިވެޓް ލިމިޓެޑުން "މައި ޑްރީމް ހޯމް" ގެ ނަމުގައި ބޭއްވި ކުރެހުމުގެ މުބާރާތުން ވަނަ ހޯދި ކުދިންނަށް އިނާމު ދެއްވުމަށް ރޭ ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވިގޮތުގައި، އެ ފުރުޞަތު ނުދިނުމުން ވާގޮތަކީ، މާތްﷲ އަޅުގަނޑުމެންގައި ލައްވާފައިވާ ވަރަށް މުހިންމު ހުނަރުގެ ބޭނުން ނުކުރެވި، އެ ހުނަރު ތަރައްޤީ ނުކުރެވި، ކުދިން ބޮޑެތި ކުރެވެނީއެވެ. މިއީ، ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެ، ކޮންމެ ކުއްޖަކީވެސް ތަފާތު ހުނަރުތައް އެކުއްޖެއްގެ ކިބައިގައި ހުރި ކުއްޖެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކުއްޖަކު ކިޔަވަނީވެސް ތަފާތު ހުނަރުތައް ބޭނުންކޮށްގެން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ތަޢްލީމުގެ ތެރެއިން ޑިޒައިން ކުރުމާއި ކުރެހުމާއ މިކަންކަންވެސް ކުރުމުގެ ފުރުޞަތު ހުރިހާ ކުދިންނަށް ލިބިދިނުމަކީވެސް ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ. މިއިން ކޮންމެ ރޮނގަކުންވެސް އެކުއްޖަކަށް ރަނގަޅަށް ކުރިއަށްދެވިއްޖެކަމަށްވާނަމަ، އޭގެ ސަބަބުން ވަރަށް ބޮޑެތި ނިޢްމަތްތަކެއް އެކުއްޖަކަށް ފަހުން ލިބޭނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ސަން ފްރަންޓް ޕްރައިވެޓް ލިމިޓެޑުން މިފަދަ ކުރެހުމުގެ މުބާރާތެއް އިންތިޒާމް ކުރެއްވި ކަމަށްޓަކައި، އެކުންފުނީގެ ވެރިންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ. އަދި މުސްތަޤްބަލުގައިވެސް މި މުބާރާތް ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ވަރަށް ގިނަ އަދަދެއްގެ ކުދިން މި މުބާރާތުގައި ބައިވެރިވެ، ރަނގަޅު ވަނަތަކެއް ކުރެހުމުން ހޯދި ކަމަށްޓަކައި ވަރަށްބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، އެހުރިހާ ކުދިންނަށް ނައިބު ރައީސް ތަހުނިޔާ ވިދާޅުވިއެވެ.
މުބާރާތުން 1 ވަނަ ޙާޞިލުކުރީ ތާޖުއްދީން ސްކޫލުގެ ދަރިވަރު ނައުޝީން އަޙްމަދު ނާޝިދެވެ.