ރާއްޖޭގެ އާބާދީ 2025 ވަނަ އަހަރު 4 ލައްކައަށް އަރާނެ ކަމަށް ތަޖުރިބާކާރުން އަންދާޒާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، އަންނަ ހޯމަ ދުވަހު ދުނިޔޭގެ އާބާދީ 7 ބިލިއަނަށް އަރާ ކަމަށް މިހާރު އަންދާޒާ ކުރެވިފައިވުމާއެކު، އެކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖޭގެ އާބާދީ މިހާރު ލަފާކުރެވޭ އަދަދަކީ، ތިންލައްކަ އެކާވީސްހާސް ފައްސަތޭކައެވެ. ރާއްޖޭގައި 25 އަހަރުން ދަށުގެ އާބާދީ %51 އަށް އަރައެވެ. އަދި އާބާދީގެ ހަތަރުބައި ކުޅަ އެއްބައި މީހުންނަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ދުނިޔޭގެ އާބާދީއަށް 7 ބިލިއަން ހަމަވުމަކީ ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރެއްވިއެވެ. އަދި އިންސާނުން ދުޅަހެޔޮ ޞިއްހަތެއްގައި ޢުމުރުން ގިނަދުވަސްވަންދެން ދިރިއުޅޭކަން ބަޔާންކުރައްވަމުން، ބަލިބަލީގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް ވަރަށް ދަށް ކުރެވި، ދުނިޔޭގައި އެކިހިސާބުގައި އުޅޭ މީހުން ޓެކްނޮލޮޖީގެ ޒަރީޢާއިން ގުޅާލާ ލާމެހިއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، މިހުރިހާ ކާމިޔާބެއް، ދެމެހެއްޓޭނީ މިއަދު އެންމެންގެ ޢަމަލުތައް ބަހައްޓާގޮތުގެ މައްޗަށް ބިނާކޮށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައިވެސް 1980 ގައި އުފަންވީ މީހުނަށްވުރެ، މިހާރު އުފަންވި ކުދިން، 20 އަހަރު އިތުރަށް ދުނިޔޭގައި އުޅޭނެކަމަށް ދައްކާކަން ހާމަކުރައްވަމުން، ޅަފަތުގައި މަރުވާ ކުދިންނާއި ވިހެއުމުގެ ތެރޭގައި މަރުވާ މައިންގެ ޢަދަދު ވަރަށްބޮޑުތަން ދަށްކުރެވިއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މިއަދު އިންސާނުންނަށް އޮތް އެންމެ ބޮޑުގޮންޖެހުމަކީ، ތަފާތު އެކި ނަޞްލުގެ، ދީނުގެ، ފިކުރުގެ، އަދި އެކި ޤައުމުގެ މީހުން އެކުގައި އުޅެން ޖެހުމުން ކުރިމަތިވާ ކަންތައްތައްކަން ފާހަގަކުރެއްވިއެވެ. އަދި މުއްސަނދިންނާއި ފަޤީރުންނާ ދެމެދުގެ ފަރަޤު އަންނަނީ ފުޅާވަމުން ކަމަށާއި، ގިނަ ޢަދަދެއްގެ އިންސާނުން، ދާއިމީގޮތަށް ކާނާއާއި ސާފު ބޯފެން ލިބުމުގެ ދަތި ތަޙައްމުލު ކުރާ ކަމުގައި ވިދާޅުވިއެވެ. "ރާއްޖޭގައިވެސް ކެއިންބުއިމުގެ ޚަރަދުތައް ފަޤީރުންނަށްވުރެ، މުއްސަނދިން 10 ގުނަ އިތުރަށް ކުރޭ. އަތޮޅުތަކުގައި އުޅޭ ޒުވާނުންގެ ތެރެއިން ދެބައިކުޅަ އެއްބައި އަންހެންކުދިން އަދި ހަތަރުބައިކުޅަ އެއްބައި ފިރިހެންކުދިން އާމްދަނީ ލިބޭ ގޮތަށް ހަރަކާތްތެރިނުވާ ކަމަށްދައްކާ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

17 ވަނަ ސާކް ސަމިޓުގެ ތައްޔާރީތަކަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މިހާރު އައްޑޫ ސިޓީގަޔާއި ފުވައްމުލަކުގައި ހިންގޭ މަސައްކަތްތައްދަނީ ނިމެމުން ކަމަށާއި، މިހާރު މިވަނީ އޭގެ އެންމެފަހު މަރްޙަލާތަކުގައި ކަމުގައި ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ ކާމިޔާބުކަމާއެކީގައި ހުރިހާ މަސައްކަތް ނިމި ވަރަށް ފުރިހަމަ ސަމިޓެއް ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.