ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، ޕަރތްގައި ދިރިއުޅުއްވާ ދިވެހި ޢާއިލާތަކާއި، ޕަރތްގައި ކިޔަވަން ތިބި ދިވެހި ކުދިންނާ މިއަދު ބައްދަލުކޮށްލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕަރތަށް ވަޑައިގަތީ މިއަދު މެންދުރުފަހުއެވެ.

ޕަރތްގައި ދިރިއުޅުއްވާ ދިވެހި ބޭފުޅުން އިންތިޒާމް ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި މިއަދު ހަވީރު ބޭއްވެވި މިޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ފުރުޞަތު ލިބިވަޑައިގެންނެވިކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މިޙަފްލާ އިންތިޒާމްކުރެއްވި ކަމަށްޓަކައި އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މި ޙަފްލާއަށް ވަޑައިގެންނެވި ޢާއިލާތަކާއި އަދި ކިޔަވާ ކުދިންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަކިވަކިން ބައްދަލުކުރައްވައި، ޕަރތްގައި ދިރިއުޅުއްވުމުގެ ކަންތައްތަކާބެހޭގޮތުންނާއި، ކިޔަވާ ކުދިންގެ ކިޔެވުމާ ގުޅޭ ގޮތުން މަޢްލޫމާތު އޮޅުން ފިލުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އޮސްޓްރޭލިޔާގެ ޕަރތަށް މިވަޑައިގަތީ، މާދަމާ ފެށޭ ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައެވެ.