ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ސަރުކާރުން ދެއްވާ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުމުގެ ޖަލްސާ، އަންނަ ނޮވެމްބަރު މަހުގެ 27ވާ އާދީއްތަ ދުވަހުގެރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ. މި ޖަލްސާ އޮންނާނީ، އެރޭ 8.30 ގައި ދަރުބާރުގޭގައެވެ. ޤައުމީ އިނާމު މީގެކުރިން ދެއްވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ޤައުމީ އިނާމަކީ، ޤައުމާއި މުޖްތަމަޢުގެ ލާބައާއި މަންފާއަށްޓަކައި، ވަކިވަކި ފަރުދުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކުންނާއި، ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، ސަރުކާރުން ދެއްވަމުން ގެންދަވާ އިނާމެކެވެ. ޢާންމު ޚިދްމަތުގެ އިނާމުގެ ނަމުގައި، 1979 ވަނަ އަހަރު ދެއްވަން ފެށްޓެވި އިނާމު، މި ސަރުކާރުން 2009 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ދެއްވަމުން ގެންދަވަނީ، ޤައުމީ އިނާމުގެ ނަމުގައެވެ. ޤައުމީ އިނާމަށް ބޭފުޅުން ހޮއްވަވަނީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޢައްޔަން ކުރައްވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

މިއަހަރު ޤައުމީ އިނާމަށް ހުށަހެޅުނު ފަރާތްތަކުގެ ނަންތައް ދިރާސާ ކުރައްވައި، އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް، ޤައުމީ އިނާމާބެހޭ ކޮމިޓީން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމަށް، އެކޮމިޓީން ހުޅުވާލި މުއްދަތު، ޖުލައި މަހުގެ 31 ވަނަ ދުވަހު ހަމަވިއިރު، 102 ފޯމު ވަނީ ހުށަހަޅާފައެވެ. މި ފޯމުތައް ހުށަހަޅާފައިވަނީ، އިނާމަށް ފުރްޞަތު ހުޅުވާލި 28 ދާއިރާގެ ތެރެއިން 22 ދާއިރާއަކުންނެވެ.

މިދިޔަ އަހަރު ޝަރަފްވެރި ކަމުގެ ޤައުމީ އިނާމު އަރުވާފައިވަނީ 6 ބޭފުޅަކަށެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އަރުވާފައިވަނީ 6 ބޭފުޅަކަށެވެ. އަދި ވަރކްޝޮޕަކަށާއި، ދެކުންފުންޏަކަށެވެ.