ދުނިޔޭގެ އާބާދީއަށް 7 ބިލިޔަން ހަމަވުމާ ގުޅިގެން، އ.ދ. އިން ތައްޔާރުކުރި ދުނިޔޭގެ އާބާދީގެ ޙާލަތާބެހޭ ރިޕޯޓް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ނެރުއްވައިދެއްވައިފިއެވެ.

މާލޭގައި ހުންނަ އ.ދ.ގެ އޮފީހުގެ މައި މަރުކަޒުގައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި، ރިޕޯޓް ނެރުއްވައިދެއްވުމަށްފަހު، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ އާބާދީ އިތުރުވަމުންދާވަރަކަށް، މުޖްތަމަޢުގައި ދިމާވާ އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ އެކިއެކި މައްސަލަތައްވެސް ދާނީ އިތުރުވަމުންކަން ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ އާބާދީއަށް 7 ބިލިއަން ހަމަވުމާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ "އެކަކު އަނެކަކަށް ބަލައިގެން" މި ޝިޢާރާ އެއްގޮތަށް، ކަންކަން ކޮށްގެން ނޫނީ، ދެމެހެއްޓެނިވި ގޮތެއްގައި، އާބާދީ ތަރައްޤީވެގެން ނުދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މުޖްތަމަޢުގައި އަންހެނުންގެ ދައުރު ބޮޑުކޮށް، އަންހެނުން ބާރުވެރިކުރުވައިގެން ނޫނީ، ތަރައްޤީގެ ދުވެލި ހަލުވިވެގެން ނުދާނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އަންހެނުންނަށް ލިބެމުންދާ އަނިޔާތަކާއި، މަސައްކަތުގެ މައިދާނުގައި، އަންހެނުން ޙަރަކާތްތެރިވުމުގެ މައްޗަށް ނައިބު ރައީސް ބައްލަވައިލެއްވިއެވެ.

ދުނިޔޭގެ އާބާދީގެ ޙާލަތުގެ ރިޕޯޓްގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވައިލައްވަމުން، ދުނިޔެ ބައްޓަން ކުރުމުގައި، ޒުވާނުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މިގޮތުން، ޒުވާނުންގެ ތަރައްޤީއަށް އިތުރު މަސައްކަތްތަކެއް ކުރަން ވެއްޖެކަން ފާހަގަކުރައްވައި، ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް ތަނަވަސް ކޮށްދިނުމުގެ މައްޗަށްވެސް ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ސިޓީތައް ތަރައްޤީ ކުރުމުގެ މައްޗަށްވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިގޮތުން، ކުރިއަށް އޮތް ތަނުގައި، އާބާދީގެ ބޮޑުބައި ދިރިއުޅޭނީ، ސިޓީތަކުގައި ކަމަށްވުމާއެކު، ސިޓީތަކުގެ ދިރިއުޅުމުގެ ކަންކަން ރަނގަޅު ކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މުއްސަނދިންނާއި ފަޤީރުންނާ ދެމެދު އޮތް ފަރަޤު ކުޑަކޮށް، ދެބައިމީހުންނަށްވެސް، ހަމަހަމަ ގޮތެއްގައި ތަރައްޤީގެ ކަންކަން ގެންދިޔުމަށް ނައިބު ރައީސް ގޮވައިލެއްވިއެވެ.