ރާއްޖޭގެ ތަރައްޤީ ޙާޞިލުކުރުމަށްޓަކައި އަންހެނުންގެ ދައުރު ފުޅާކޮށް، އަންހެނުންނާއި ކުޑަކުދިންނަށްކުރާ ޖިންސީ އަދި އެހެން ގޯނާތަކުން ސަލާމަތްވުމަށްޓަކައި، ބައިނަލްއަޤްވާމީ އަދި ޤާނޫނީ އެހީ ފޯރުކޮށްދިނުމުގެ ތަޖުރިބާއާ ޤާބިލިއްޔަތުކަން ހުރި އެންމެ އިސް ފަރާތަކީ، އ.ދ. ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދަކީ މިއަހަރުގެ އ.ދ. ދުވަސް ކަމަށްވުމާއެކު، ރާއްޖޭގައި ހުންނަ އ.ދ.ގެ އޮފީހުގައި މިއަދު ހަވީރު ބޭއްވެވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މޭރުމުން ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަށް ތަޢާރުފް ކުރެވިފައިމިވާ ޒަމާނީ ޑިމޮކްރަސީގެ ނިޒާމަކީ، އ،ދ.ގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ޙާޞިލު ކުރެވިފައިވާ ކާމިޔާބީއެއް ކަމުގައި ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، އ.ދ.އިން ކަނޑައަޅާފައިވާ ސާސްކަފްގެ ތަރައްޤީގެ ލަނޑުދަނޑިތައް ރާއްޖެއިން ޙާޞިލު ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި 190 ޤައުމުގައި ހަރަކާތްތެރިވަމުންދާ އ.ދ އަކީ ތަރައްޤީވަމުން އަންނަ އަދި ތަރައްޤީވެފައިވާ ޤައުމުތަކުގެ ކުރިއެރުމަށް ވަރަށް ބޮޑު އެހީތަކެއް ވެދީފައިވާ ޖަމްޢިއްޔާއެއްކަމަށް ވިދާޅުވެ، އެޖަމްޢިއްޔާއަށް ނައިބު ރައީސް ތަޢުރީފް ކުރެއްވިއެވެ. ތަރައްޤީގެ މިކާމިޔާބީތަކާއެކު، ވަރަށްގިނަ ގޮންޖެހުންތަކެއްވެސް ރާއްޖެއަށް ކުރިމަތިވެފައިވާކަން ނައިބު ރައީސް ބަޔާންކުރައްވަމުން، އަދުގެ ދުނިޔޭގައި، ރާއްޖެއަށް ޙާޞިލު ނުކުރެވިހުރި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމުގަޔާއި، ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ރޮނގުން ރާއްޖެ ކުރިއަށް ގެންދިޔުމުގައި، އ.ދ ގެ ފަރާތުން ކުރާ މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި އ.ދ.ގެ މި މަސައްކަތްތަކަށް ހުރިހާ ފަރާތްތަކަކުން އެއްބާރުލެއްވުން ދެއްވުމަށް ނައިބު ރައީސް އިލްތިމާސް ކުރެއްވިއެވެ.
31 އޮކްޓޯބަރ 2011 ގައި ދުނިޔޭގެ އާބާދީ 7 ބިލިޔަނަށް އަރާނެކަމަށް ލަފާކުރާތީ، އެދުވަސް ގުނަން ފެށުން އިފްތިތާޙް ކުރުންވެސް މި ޙަފްލާގައި އޮތެވެ. އަދި މިކަމާ ގުޅޭ ޝިޢާރުކަމަށްވާ "އެކަކު އަނެކަކަށް ބަލައިގެން ނޫނީ ނުވާނެ" މި ޝިޢާރު ޔޫ.އެން.އެފް.ޕީ.އޭ.ގެ ފަރާތުން މިޙަފްލާގައި ހާމަކުރެއްވިއެވެ.
އ.ދ. އުފެދުނީ މީގެ 66 އަހަރު ކުރިން، 1945 ވަނަ އަހަރުގެ އޮކްޓޯބަރުމަހު 24 ވަނަ ދުވަހުއެވެ.