ޖަޕާނު ސަރުކާރުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ނޮބުހީޓޯ ހޯބޯ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، އާ ސަފީރަށް ނައިބު ރައީސް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ތެލުން އުފައްދާ ހަކަތައިގެ ބަދަލުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މިގޮތުން ރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަކީ، އިޤްތިޞާދީ ގޮތުންވެސް މާ ފައިދާ ބޮޑު ގޮތެއްކަން ފާހަގަކުރައްވައި، އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށްޓަކައި ރާއްޖޭގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ނައިބު ރައީސް، ޖަޕާނުގެ ސަފީރާ ޙިއްޞާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިއަހަރު ކުރީކޮޅު ޖަޕާނަށް ކުރިމަތިވި ސުނާމީގެ ކާރިޘާއާ ގުޅިގެން، ރާއްޖެއިން ފޯރުކޮށްދީފައިވާ އެހީތަކަށްޓަކައި، ޖަޕާނުގެ އާ ސަފީރު ޝުކުރު އަދާކުރެއްވިއެވެ.