ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ މާލެ ވަޑައިގެންފިއެވެ. ނައިބު ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިންވެސް ރޭ މާލެވަޑައިގެންނެވިއެވެ.

ނައިބު ރައީސް ޗައިނާއަށް މިކުރެއްވި ދަތުރުފުޅުގައި، 12 ވަނަ ވެސްޓަން ޗައިނާ އިންޓަރނޭޝަނަލް ފެއަރ ހުޅުއްވައިދެއްވިއެވެ. މި ފެއަރއަކީ، ބޭރުގެ ވިޔަފާރިވެރިންނަށް ޗައިނާގައި އިންވެސްޓްކުރުމުގެ ފުރްޞަތު ތަނަވަސްކޮށްދިނުމަށްޓަކައި، ސިޗުއާން ޕްރޮވިންސްގެ ސަރުކާރުން އިންތިޒާމް ކުރައްވައިގެން ބޭއްވެވި ފެއަރއެކެވެ. މި ފެއަރ ހުޅުއްވައިދެއްވުމަށްފަހު ބޭއްވުނު ފޯރަމެއްގައި، ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި، ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ނައިބު ރައީސް، އަދި ސްޓޭޓް ލީޑަރ ވެންގް ޒައުގޯއާ ބައްދަލުކުރައްވައި، ޗައިނާގެ ޔުނިވަރސިޓީތަކުން ދިވެހި ކިޔަވާ ކުދިންނަށް އިތުރު ފުރްޞަތުތަކެއް ހޯއްދަވައިދެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ކާބަން ނިއުޓްރަލް ޤައުމަކަށް ވުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތުގައި، ޗައިނާގެ އެއްބާރުލެއްވުމާއި އެހީތެރިކަން ރާއްޖެއަށް ބޭނުންވާނެކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ޗައިނާގެ އެގްޒިބިޝަން އެންޑް ޓްރަވަލް ގްރޫޕް (އީ.ޓީ.ޖީ)ގެ ޗެއާމަނާވެސް ނައިބު ރައީސް ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، އެގްރޫޕާއި ދިވެހި ސަރުކާރާ ދެމެދު މިހާރު މަޝްވަރާ ކުރެވެމުންދާ، ހުވަދުއަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ މަޝްރޫޢާބެހޭގޮތުން ދެބޭފުޅުން މަޢްލޫމާތު ބަދަލުކުރެއްވިއެވެ. އަދި މިމަޝްރޫޢުގެ ސަބަބުން ހުވަދުއަތޮޅަށް ތަރައްޤީގެ ގިނަގުނަ ފުރްޞަތުތައް ފަހިވެގެންދާނެކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި ވަނީ ސިޗުއާން ޕްރޮވިންސްގެ ގަވަރނަރ ޖަންގ ޖޫފެންގާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި، ސިޗުއާން ޕްރޮވިންސަށް 2008ގައި އައި ބިންހެލުމާ ގުޅިގެން ދިވެހި ސަރުކާރުން ވެދެއްވާފައިވާ އެހީތަކަށްޓަކައި، އެޕްރޮވިންސްގެ ގަވަރނަރ ނައިބު ރައީސަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކުގެ މައްޗަށްވެސް މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި، ސިޗުއާން ޕްރޮވިންސްގެ ޔުނިވަރސިޓީގައިވެސް ތަޤްރީރު ކުރެއްވިއެވެ.