ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ދައުރަކީ ހަމައެކަނި ސާފް ޗެމްޕިއަންޝިޕްގައި ތަށި ހޯދުމެއްނޫން ކަމަށާއި، ހަމައެއާއެކު ތަރައްޤީވެފައިވާ ޤައުމިއްޔަތެއް ބިނާ ކުރުމުގައިވެސް ޤައުމީ ޓީމުގެ ދައުރު އެބަ އޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑް އިޢުލާން ކުރުމަށް ރޭ ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް މަގުފަހިވާފަދަ ޤައުމިއްޔަތެއް ބިނާކުރުމުގައި، އެހެން ދާއިރާތަކުގައި އެކުރާ މަސައްކަތްތަކާ އެއްފެންވަރެއްގެ ދައުރެއް ޤައުމީ ޓީމުގެ އެބައޮތްކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމިއްޔަތު ބިނާކުރުމުގައި ރާއްޖޭގެ ކުޅިވަރު ތަރައްޤީ ނުކޮށް، އަޅުގަނޑުމެން އެދޭ ތަރައްޤީ ނުލިބޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކާމިޔާބުގެ ސިއްރަކީ ކުޅެން ނުކުންނަ ދުވަހު ގަދަ ހިތްވަރެއްލުމެއް ނޫންކަމަށާއި، ކާމިޔާބު ގުޅިފައި އޮންނަނީ މާކުރިއްސުރެ ފަށައިގެން ހިންގިފައި ހުންނަ ކަންތައްތަކުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. އަދި މިދިޔަ އަހަރުގެ ސާފް ގޭމްސްއިން ލިބިފައިވާ ތަޖުރިބާއާއި ނުގުޑާފަދަ ޢަޒުމަކާއެކީގައި ހުރިހާ ކުޅުންތެރިންވެސް ނުކުމެ، ރާއްޖެއަށް ސާފް ޗެމްޕިއަން ޝިޕް ކާމިޔާބު ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.