ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ނޮބުހީޓޯ ހޯބޯ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޖަޕާނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ބައިނަލް އަޤްވާމީ މައިދާނުގައި ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް ޖަޕާން ސަރުކާރުން ދެއްވަމުން ގެންދަވާ ގިނަ ގުނަ އެހީތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައިން މެދު ފަންތީގެ ޤައުމެއްގެ ދަރަޖައަށް ވާޞިލުވުމުގައި ޖަޕާން ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިއަހަރު ކުރީކޮޅު ޖަޕާނަށް ކުރިމަތިވި ސުނާމީގެ ކާރިޘާއާ ގުޅިގެން، ރާއްޖެއިން ފޯރުކޮށްދީފައިވާ އެހީތަކަށްޓަކައި، ޖަޕާންގެ އާ ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.